2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (އެސްއޭއެފްއެފް) ގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ހަތް އަހަރަށްފަހު މަގާމުން ވަކިވާން ނިންމެވިކަން އިއުލާން ކުރައްވަމުން އަލް މިސެހަލް ވިދާޅުވީ، ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ އުފުއްލަވާ ކަމަށެވެ.

Ad
rt

ހޯމަ ދުވަހުގެ ކުރީކޮޅު ނެރުއްވި ބަޔާނެއްގައި އަލް މިސެހަލް ވަނީ، ވޯލްޑް ކަޕްގައި ސައުދީ ޓީމުގެ ނަތީޖާތައް ހުރީ އުންމީދު ކުރި ގޮތަށް ނޫން ކަމަށް އެއްބަސްވެ، ސައުދީގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޒިންމާދާރުވުމުގެ ގޮތުން މިވަގުތު އެންމެ ރަނގަޅު ގޮތަކީ އާ ބަޔަކަށް ފުރުސަތު ދިނުމެވެ.

"ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އާ ޑިރެކްޓަރުންގެ ބޯޑެއް ހޮވުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލެވޭނެ" އަލް މިސެހަލް ވިދާޅުވެފަވެއެވެ.

މިހާރުގެ ބޯޑުން ސައުދީ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް ކެޓުމަކީ ޒިންމާ އުފުލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މަގާމުން ވަކިވި ނަމަވެސް، ގައުމުގެ ކުޅިވަރު ކުރިއެރުވުމުގައި ދެމިހުންނާނެ ކަމަށާއި އާ ބޯޑަށް ކާމިޔާބީއަށް އެދޭ ކަމަށް އަލް މިސެހަލް ވިދާޅުވިއެވެ.

2026 ގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ ކެޓީ ގްރޫޕް އެޗްގެ ފުލަށް ގޮސްގެންނެވެ. ކުޅުނު ތިން މެޗުން އެ ޓީމަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. ފުރަތަމަ މެޗުގައި އުރުގުއޭއާ 1-1 އިން އެއްވަރުވި ނަމަވެސް، ދެވަނަ މެޗުގައި ސްޕެއިން އަތުން 4-0 އިން ބަލިވީއެވެ. އަދި ފަހު މެޗުގައި ކޭޕް ވާޑޭއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވީއެވެ.

މިއީ ސައުދީ އަރަބިއްޔާ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ހަވަނަ ފަހަރެވެ. އެ ގައުމަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދެވުނީ ހަމައެކަނި 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައެވެ.