ރާއްޖޭގައި ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމަކީ އެފިޝަންޓް އޮޕަރޭޝަނެއް ހިންގުމަށާއި ޓިކެޓްގެ އަގުތައް ދަށްކޮށް ހިފެހެއްޓުމަށް މާލީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ރާއްޖޭގެ އެތެރޭގެ ޓިކެޓްގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ބޭނުންކުރަނީ ދުނިޔޭގައި 'މި ސައިޒްގައި' އޮޕަރޭޓްކުރަން ގެންގުޅޭ އެންމެ ރަނގަޅު އަދި ރައްކާތެރި މަތިންދާބޯޓުތައް ކަމަށެވެ. އެގޮތުން ފްރެންޗް ވާޝަންގެ އޭޓީއާރު ބޯޓުތަކަކީ އޮޕަރޭޓް ކުރުމަށް ބޮޑު ޚަރަދެއް ހިނގާ ބޯޓުތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، ޓިކެޓްގެ އަގުތައް މިހާރުވެސް ހުރީ އިންޖީނު މެއިންޓެނެންސާއި އޮޕަރޭޝަނަލް ކޯސްޓަށް ބަލާއިރު ބޮޑު ފައިދާއެއް ނަގާ ގޮތަކަށް ނޫނެވެ.
''ރާއްޖޭގައި މިހާރުވެސް މިގެންގުޅެނީ ދުނިޔޭގައި މި ސައިޒްގައި އޮޕަރޭޓްކުރަން ގެންގުޅޭ އެންމެ ރަނގަޅު މަތިންދާބޯޓު، އެއީ ރާއްޖޭގައި މި ގެންގުޅެނީ ދުނިޔޭގެ ދެތިން ހަތަރު މޮޑެލްއެއް، އެއިގެ ތެރޭގައި ދުނިޔޭގައި ސޭފްޓީ ވައިސްއިން އެންމެ ރަނގަޅު މަތިންދާ ބޯޓު، އޭޓީއާރު ފްރެންޗް ވާޝަންގެ މަތިންދާބޯޓު މިގެންގުޅެނީ، މި މަތިންދާބޯޓުތައް އޮޕަރޭޓް ކުރުމަކީ ވަރަށް ބޮޑު ޚަރަދެއް އަސްލުގައި، މިހާރުވެސް މި އޮޕަރޭޝަނަލް ކޯސްޓް އަށްވުރެ ޑިމާންޑް، މިދެންނެވީ މީހުންގެ އަދަދަށް ބަލާފައި، އިންޖީނު މެއިންޓެނެސްއާއި އޮޕަރޭޝަނަލް ކޯސްޓަށްވުރެ ބޮޑުކޮށްގެންނެއްނޫން ޓިކެޓްތަކުގެ އަގުތައް މިހުންނަނީ، މި ވަރަށް ޗެލެންޖިން މަސައްކަތެއްކުރަން، މިގޮތަށް މި ދެންނެވީ ދުނިޔެއަށް މިއަންނަ ކޮންމެ ބަދަލަކާއި ރާއްޖޭގައި ވެސް މަތިންދާބޯޓުތައް އޮޕަރޭޓް ކުރުމާވެސް ގުޅިފައި މި އޮންނަނީ'' އަމީން ވިދާޅުވެފަވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގެ އެއާލައިންތަކުގެ އަގުތައް 30 އާއި 40 އިންސައްތައާ ދެމެދު އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި އަގުތައް ހިފެހެއްޓިފައިވަނީ ސަރުކާރުގެ ނިންމެވުންތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކާ އެއްގޮތަށް ޚަރަދުތައް އެހެން ގޮތްގޮތުން މެނޭޖްކޮށްގެން ރައްޔިތުންނަށް ބުރަ ނުވާނެހެން އަގުތައް ހިފަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި އެފިޝަންޓް އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ މިންވަރަށް ފަސިންޖަރުން ނެތުމަކީ ހަގީގީ ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، ޓިކެޓްގެ އަގު އިތުރަށް ދަށްކުރުމަކީ ކޮންމެ ފަރާތަކަށްވެސް ކުރިމަތިވާނެ ވަރަށް ދަތި އުނދަގޫ މަސައްކަތެއްކަމަށް މިނިސްޓަރ އަމީންގެ ވިދާޅުވިއެވެ.
''ފެނިވަޑައިގަންނަވާނެ އެންމެފަހުން މިއައި މެދުއިރުމަތީގެ ހަނގުރާމައިގައި ވެސް ތެލުގެ އަގު ބޮޑުވެގެންދިޔައީމަ މުޅި ދުނިޔޭގެ އެއާލައިންތަކުގައި 30 ނޫނީ 40 އިންސައްތަ ޓިކެޓް ފެއާ މައްޗަށް ގޮސްފައި އެހެރީ، އެކަމަކުވެސް އަޅުގަނޑުމެން ސަރުކާރުން ރައީސް ނިންމެވި ނިންމެވުންތަކާއި ގުޅިގެން ވަރަށް އެ ޚަރަދުތައް އެހެންގޮތްގޮތަށް މެނޭޖްކޮށްގެން ރައްޔިތުންނާއި ހަމައަށް އެ އަގުބޮޑުނުކޮށް ހަމައެހުރި އަގުތަކުގައި އަޅުގަނޑުމެން މިއަދާއި ހަމައަށް ވެސް ހިފަހައްޓަމުން މިއައީ، މިއީ ހަމަ ވަރަށް ޗެލެންޖިން މަސައްކަތެއް، އެއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމްގައި ހާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި މި މާސް ނޫނިއްޔާ ބޮޑު އަދަދު އެ އޮންނަންޖެހޭ އެފިޝަންޓް އޮޕަރޭޝަނެއް އޮންނަންޖެހޭ އަދަދަށް ރައްޔިތުން ނޫނިއްޔާ މީހުން ނޫނީ ދަތުރުކުރާ ފަސެންޖަރުން ނެތީ ހުންނަ ޗެލެންޖަސް މިހުންނަނީ އިނގޭތޯ، އެއީ ހަގީގަތަކީ، ޓިކެޓްގެ އަގު ދަށްކުރުމަކީ ވަރަށް ޗެލެންޖިން މަސައްކަތަކަށް އެއްވެސް ފަރާތަކަށްވާނީ'' އަމީން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!