ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މި ސަރުކާރުގެ ދައުރުތެރޭގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް ނިންމައި، އެތަންތަނަށް މީހުން ވެއްދުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމައި މީހުން ވެއްދިފައި ނެތް ކަމަށާއި، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެއެވެ. މީގެ އިތުރުން، ސަރުކާރާ ހަވާލުވިއިރު އެކި ސަބަބުތަކާ ހުރެ އެކި ރަށްރަށުގައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢުތަކެއްހެން މިހާރު ގާތްގަނޑަކަށް އަލުން ފަށާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.
ހައުސިން މަޝްރޫޢުތައް ހަލުވިކުރުމަށްޓަކައި އާ ފައިނޭންޝިއަލް މޮޑެލްތަކެއް ތަޢާރަފްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ ތެރެއިން ވެސް ހުޅުވާލި ފުރުސަތުގެ ތެރެއިން ވަރަށް ގިނަ ޕްރައިވެޓް ކޮންޓެކްޓަރުން ކުރިމަތިލައިގެން މިހާރު އަމަލީ ގޮތުން އެމަސައްކަތް ފެށުމަށް ހަދަންޖެހޭ އެގްރީމެންޓްކަންތައް ކުރިއަށް އެބަދޭ،މިއީ ވަރަށް ގިނަ ހައުސިން މަޝްރޫޢުތައް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ވެސް އިތުރު މަޝްރޫޢުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހައުސިން ޔުނިޓް އެޅުމުގެ ވައުދުގެ ވަރަށް ބޮޑު ކުރިއެރުންތަކެއް މިއަހަރު ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މި މަޝްރޫޢުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމޭނެ ކަމަށާއި، ބައެއް ރަށްރަށުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ވެސް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އެހެންވީމާ އަމަލީގޮތުން ފްލެޓް އެޅުމުގެ، ހައުސިން ޔުނިޓް އެޅުމުގެ ވައުދުގެ ވަރަށް ބޮޑު ކުރިއެރުންތަކެއް މިއަހަރު ތެރޭގައި ފެނިގެންދާނެކަމަށް، އަޅުގަނޑުމެން މި ސަރުކާރުން މަސައްކަތްކުރަނީ މީގެ ކުރިން ނުވެ އޮތްކަމެއްކުރަން، އެއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމައި، އެ ފްލެޓްތަކަށް ނޫނީ ހައުސިން ޔުނިޓްތަކަށް މީހުން ވެއްދިފައެއްނެތް، އަޅުގަނޑަށް ފާހަގަކުރެވިފައިވާގޮތުގައި، މިބަލަނީ އެކަން ބަދަލުކުރެވޭތޯ، އިރާދަކުރެއްވިއްޔާ 2028ގެ މެދަކާއި ހަމައަށް ދާއިރު މީގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމޭނެ'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!