ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތި ކަމަށްވާ ދިވެހި ޕްރީމިއާ ލީގުން ހއ. ދިއްދޫ ޖާގަ ހޯދުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް އެ އަތޮޅު އުތީމުން ދިއްދޫ ޓީމަށް ދިން ދައުވަތާއި ގުޅިގެން ދިއްދޫ ޓީމު މިއަދު އުތީމަށް ޒިޔާރަތްކޮށްފިއެވެ.

ދިއްދޫ ޓީމު އުތީމަށް ދިޔުމުމުން އެރަށުން ދިއްދޫ ފުޓްބޯޅަ ޓީމަށް ވަނީ ހޫނު މަރުހަބާއެއްކިޔައި، ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

އުތީމު ރައްޔިތުންގެ ފަރާތުން ދިއްދޫ ޓީމަށް ދިން ހާއްސަ ދައުވަތަކަށް އެ ރަށަށް ޓީމު ދިއުމުން، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދިއްދޫ ޓީމަށް މަރުހަބާ ކިޔުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ނުކުމެފައެވެ.

ދިއްދޫ ޓީމު ދިވެހި ތާރީޚީ ބިނާ، އުތީމުގައި ހުންނަ އުތީމު ގަނޑުވަރުގައި، ފޮޓޯ: ދިއްދޫ ސްޕޯޓްސް

މިއީ ދިއްދޫ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާތީ، އުތީމު ރައްޔިތުން ވަނީ އެކަމުގެ އުފަލުގައި ބައިވެރިވެ، ދިއްދޫ ޓީމާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކޮށްފައެވެ.

އުތީމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ދިއްދޫއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. އަދި މިއީ މުޅި ހއ. އަތޮޅަށާއި، މުޅި ބޮޑު ތިލަދުންމައްޗަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

މި ހަރަކާތްތަކުގެ ތެރެއިން އުތީމު ރައްޔިތުން ފާހަގަކުރި ގޮތުގައި، ދިއްދޫއަކީ އެ ރަށުގެ އެންމެ ގާތް އަވައްޓެރިޔާއަށް ވާއިރު، ދިއްދޫއަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އުތީމަށް ލިބޭ އުފަލެކެވެ. މިއީ ދެ ރަށުގެ މެދުގައި އޮތް އަހުވަންތަކަމާއި، އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

ދިއްދޫ ޓީމު ދިވެހި ތާރީޚީ ބިނާ، އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ބޭރުގައި ފޮޓޯއަކަށް އެތުރިގެން، ފޮޓޯ: ދިއްދޫ ސްޕޯޓްސް

މި އުފާފާޅުކުރުންތަކުގެ ސަބަބުން ބޮޑުތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އޮތް އެކުވެރިކަމާއި، ކުޅިވަރުގެ ރޫހު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ދިއްދޫ ޓީމުން ދިވެހި ޕްރީމިއާ ލީގުގައި ވާދަކުރާއިރު، މުޅި އަތޮޅުގެ ފުރިހަމަ ސަޕޯޓާއި އެއްބާރުލުން އެ ޓީމަށް ލިބޭނެކަމުގެ ޔަގީންކަން އުތީމު ރައްޔިތުން ވަނީ ދީފައެވެ.

މިއަދުގެ މި ހަރަކާތަކީ ދިއްދޫއަށް ކުރާ އިހުތިރާމާއި ލޯބި ހާމަކޮށްދިން، އަދި ބޮޑުތިލަދުންމަތީގެ އެއްބައިވަންތަކަން ދައްކުވައިދިން ރީތި ނަމޫނާއެކެވެ. އިއްޔެ ވަނީ އެ އަތޮޅު ވަށަފަރުން ވެސް ވަނީ ދިއްދޫ ޓީމަށް ދައުވަތުދީ މިފަދަ ހޫނު މަރުހަބާއެއް ކިޔާފައެވެ.