ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ.
ކުރިނބީގައި މަދިރި އާލާވާތަންތަން ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، ފޮޓޯ: ޗާލު ފޮޓޯ
މި މަސައްކަތުގެ ތެރެއިން ރަށުގެ އުތުރު ފަރާތު ކުރީގެ ދަނޑު ބިމުގައި މަދިރި އުފެދޭ ގޮތަށް ހުރި ހުރިހާ ފެންވަޅުތަކެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މަދިރި އުފެދޭ ގޮތަށް ހުރި ވަޅުތަކަށް ފަސްއަޅައި ފޮރުވާލުމާއި، ބައެއް ވަޅުތައް މަތިއަޅައި ބަންދުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ހަރަކާތުގައި ކުރިނބީ ހެލްތު ސެންޓަރާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ފެނަކަ ކޯޕަރޭޝަންގެ ކުރިނބީ ބްރާންޗުގެ އިތުރުން ހދ. އަތޮޅު ފުލުހުންނާއި ކުރިނބީ ޔޫތު މޫވްމަންޓުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
ކުރިނބީގައި މަދިރި އާލާވާތަންތަން ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، ފޮޓޯ: ޗާލު ފޮޓޯ
ކައުންސިލުން ވަނީ މި ބުރަ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ސަބަބުން ފެތުރޭ ޑެންގީ ހުން އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، މިފަދަ ބަލިތަކުން ދިފާއުވުމަށްޓަކައި މި ހަރަކާތަކީ ނުހަނު މުހިންމު ހަރަކާތެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!