ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީން އެވެ.
މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ ޢިމާރާތެކެވެ. މި ޢިމާރާތުގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަންތަން ހިމެނޭނެއެވެ.
މީގެ އިތުރުން، އިސްރަށްވެހިންގެ ރިކްރިއޭޝަން ހަރަކާތްތަކަށް ޚާއްޞަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
ޖުމްލަ 37.46 މިލިއަން ރުފިޔާ އަށް ހަވާލުކުރި މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
4,186 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މި ހިޔާވަހި ޤާއިމުވުމުން، ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ސިއްޙީ ފަރުވާ ލިބުމުގެ ފުރުޞަތު ފުޅާވެ، އިޖުތިމާޢީ ގޮތުންނާއި ދުޅަހެޔޮކަމުގެ ގޮތުން ބޮޑެތިި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ފުނަދޫގައި މިހާރުވެސް ޖެންޑާރ މިނިސްޓްރީގެ ދަށުން ހިންގާ އަމާންވެށި މަރުކަޒެއް ގާއިމުކޮށްފައި ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!