ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ތައްޔާރުވުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަންދުކުރެވޭނެއެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކު ނުކުރުމަށާއި، މިހާރު ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ އުޅަނދުތައް ފުލުހުން ނަގާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

Ad
rt

އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށެވެ. އެ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިމުމުން، ދެން އޮތް ބައި ކަމަށްވާ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ.

މި މަސައްކަތާ ގުޅިގެން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ދޮރާ ހަމައަށް މަގު ބަންދުކުރި ނަމަވެސް، ކާނިވާގެ އެތެރޭގައި އޮންނަ ޕާކިން ޒޯނުގައި އުޅަނދުތައް ޕާކުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިދިޔަ މާޗު މަހުގެ 23 ގައި ފެށި މި މަޝްރޫއުގެ ދަށުން، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މިހާރު ކުރިއަށްދަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ހަތަރު ސެގްމެންޓެއްގެ ތަރައްގީގެ މަސައްކަތްތަކެވެ. މަގުގެ ޕޭވްމަންޓުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.