ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ޚާއްޞަކޮށް ލިޔުންތެރިކަމާއި ކިޔަވައިދެއްވުމުގެ ރޮނގުން ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށްވާ ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ، ޤައުމީ ޔުނިވާސިޓީ އިން ހައްދަވަމުން ގެންދަވާ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ވަނީ ފަތުހުﷲ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން މަރުޙަބާ ކިޔާފައެވެ. އަދި ފަތުހުﷲގެ މި ދަތުރަށް ކާމިޔާބީ އަށް އެދޭކަމަށް އެމްއެންޔޫއިން ބުނެފަވެއެވެ.

Ad
d

ފަތުހުﷲ ޕީއެޗްޑީގެ ދިރާސާ ހާއްސަ ކުރަށްވާފައި ވަނީ "ދިވެހި ބަހުގެ ސުކުނުގެ ބަހަވީ ސިފަތަކާއި ހަމައާއި ދައުރާއި އޮނިގަނޑު: އެކުވި ތަރީގާތުގެ ހޯދާ ބެލުމުގެ ތަރުތީބީ ފަރުމާއިން ހަދާ ދިރާސާއެއް" މި މައުޟޫޢަށެވެ.

މި ކާމިޔާބީ އާއި ގުޅިގެން ފަތުހުﷲ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ޢިލްމީ ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ހިތްވަރު ދެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރަށްވާފައެވެ. ވަކީން ޚާއްޞަކޮށް ޕީއެޗްޑީގައި އޭނާގެ، ޕްރިންސިޕަލް ސުޕަރވައިޒަރ އެސިސްޓެންޓު ޕުރޮފެސަރ ޑރ. މުޙައްމަދު ޢުމަރުގެ ނަން ފަތުހުﷲ ވަނީ ފާހަގަކުރަށްވާފައިވާއިރު، ކޯރ ސުޕަވައިޒަރ ޑރ. އަޝްރަފު އަބުދުއްރަހީމަށާއި ޑރ. އާމިނަތު ޒާހިރުގެ ނަން ވެސް ފާހަގަކުރަށްވާފަވެއެވެ.

''މިހައި ހިސާބަށް އަޅުގަނޑަށް އާދެވުނީ ލޮބުވެތި އާއިލާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށްވާތީ އާއިލާގެ އެންމެހައި މެންބަރުންނަށް ޚާއްޞަ ޝުކުރެއް ދަންނަވަން!، އެކި ފަހަރު މަތިން ތަފާތު އެކި ކޯސްތަކުގައި އަޅުގަނޑާ އެއް ކުލާހެއް ހިއްސާކުރެއްވި އެންމެހައި ބޭބޭފުޅުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެ ހުރިހައި ބޭފުޅުންގެ ނަންތައް މި ޝުކުރުގައި ޝާމިލު ކުރާ ހާލު އަޅުގަނޑުގެ މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ދެއްވާ އިހަވަންދޫ ސުކޫލުގެ އިސްވާރުންނަށް ވެސް ޝުކުރު ދަންނަވަން'' އިހަވަންދޫ ސްކޫލްގެ އިސް މުދައްރިސެއްގެ ގޮތުގައި ރަސްމީ ވަޒީފާ އަދާކުރަށްވާ ފަތުހުﷲ ލިޔުއްވާފަވެއެވެ.

ބަހުގެ ޑިގްރީ ނިންމުމަށް ފަހު އިހަވަންދޫ ސްކޫލްގެ ދިވެހި ޓީޗަރެއްގެ ގޮތުގައި 2012ގައި ޚިދުމަތް ފެއްޓެވި ފަތުހުﷲ ވަނީ ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް އޮފް އެޑިޔުކޭޝަން ނިންމަވައި، އޭގެ ފަހުން ބަހުގެ ދާއިރާއިން ދެ މާސްޓާސް ފުރިހަމަކުރައްވައިފަ އެވެ. އެއީ މާސްޓާސް އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗާ އަދި މާސްޓާސް އޮފް ދިވެހި ލޭންގުއޭޖް ޓީޗިން އެވެ. އެ ކޯސްތަކުން އެއް ވަނައާ އެކު ތިން ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ފަތުހުﷲ އަށް ލިބިލައްވާފަވެއެވެ.

ފަތުހުﷲ އަކީ، ދިވެހި ބަހާއި ތައުލީމީ ދާއިރާއަށް އާދަޔާ ހިލާފު ލޯތްބެއް ބަހައްޓަވާ، އެ ދާއިރާއިން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ. އޭނާގެ ހަފުތާ ބަންދުތައް ހުސްކޮށްލަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ދަރިވަރުންނަށް ދިވެހި ބަހުގެ ކްލާސްތަކާއި ސްޓަޑީ ކޭމްޕުތައް ހިންގަވައިދެއްވުމަށެވެ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2021 ވަނަ އަހަރު ގައުމީ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވާ ފަތުހުﷲ އަކީ، އަމިއްލަ ވެބްސައިޓާއި ބްލޮގް މެދުވެރިކޮށް ވެސް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދެއްވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖުގައި ކިޔަވައިދެއްވާ ލެކްޗަރާއެއްގެ އިތުރުން، ނޫސްތަކަށް ބަހާއި ތާރީހާ ގުޅޭ ލިޔުންތައް ލިޔުއްވާ ކާމިޔާބު ލިޔުންތެރިއެއް ވެސް މެއެވެ.

Ad
df