އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުންނާއި ލޭބަރ ޕާޓީގެ ލީޑަރުކަމުން ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާން ކުރައްވައިފިއެވެ.
މި ނިންމެވުން އިއުލާން ކުރައްވަމުން ސްޓާމަރ ވިދާޅުވީ، އޭނާއާ ޕާޓީ ހަވާލުވިއިރު ލޭބަރ ޕާޓީ އޮތީ "ސިޔާސީ ގޮތުންނާއި، މާލީ ގޮތުން އަދި އަޚުލާގީ ގޮތުން ބަނގުރޫޓުވެފައި" ކަމަށެވެ.
ސްޓާމަރ ވިދާޅުވި ގޮތުގައި ޕާޓީ އޮތީ ނިމިފައި ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށް ޕާޓީ އިސްލާހުކޮށްފައެވެ. މިގޮތުން ޕާޓީގެ ތެރޭގައި އޮތް އެންޓި-ސެމިޓިޒަމްގެ ވިހަ ނައްތާލައި، އިގްތިސާދާއި، ދިފާއީ ކަންކަމުގެ އިތުރުން ގައުމީ ސަލާމަތަށް އޮތް އިތުބާރު އަލުން އިއާދަކޮށްދީފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓާމަރ އިސްތިއުފާ ޢިއުލާން ކުރެއްވުން، ފޮޓޯ: ޕީއެމް މީޑިއާ
މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްފަހު، ޕާޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ސްޓާމަރ ވިދާޅުވިއެވެ.
"އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ އަޅުގަނޑު ލޯބިވާ ގައުމު އިސްކޮށްގެން ނިންމި ނިންމުމެއް،" ސްޓާމަރ ވިދާޅުވިއެވެ.
މިއަދު ހެނދުނު ރަސްގެފާނަށް ފޯނުން ގުޅުއްވައި އިސްތިއުފާގެ މައުލޫމާތު ދެއްވާފައިވާ ކަމަށް ސްޓާމަރ ވިދާޅުވިއެވެ.
ސްޓާމަރ އިސްތިއުފާ ޢިއުލާން ކުރެއްވުމަށްފަހު އަނބިކަނބަލުންނާއެކު، ފޮޓޯ: ޕީއެމް މީޑިއާ
ލޭބަރ ޕާޓީގެ އާ ލީޑަރަކު ހޮވުމުގެ ކަންކަން ޖުލައި 9 ގައި ފަށައި، ހޫނު މޫސުމުގެ ޗުއްޓީގެ ކުރިން ނިންމުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އާ ލީޑަރަކު ހޮވެންދެން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ ސްޓާމަރ އެވެ.
އިސްތިއުފާގެ ބަޔާން ނިންމަވާލައްވަމުން ސްޓާމަރ ވަނީ އޭނާގެ އަނބިކަނބަލުން ވިކް އާއި ދަރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ގައުމުގެ އެންމެ ބޮޑު ޒިންމާއިން ވަކިވުމަށްފަހު، ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާއިލާއަށް ކަމަށް ވިދާޅުވެ، އޭނާ ވަނީ އަސަރުގަދަ ވާހަކަފުޅެއް ދައްކަވާފައެވެ. ބަޔާނަށްފަހު އަނބިކަނބަލުންނާ ސަލާމް ކުރެއްވުމަށްފަހު އޭނާ ވަނީ ނަންބަރު 10 އަށް ވެދެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!