ހއ. ދިއްދޫ ކުރިމަގު ޖިމިއްޔާއިން އެ އަތޮޅު ބާރަށު މުއައްސަސާތަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.

ކުރިމަގު ޖަމިއްޔާއިން ބުނިގޮތުގައި ބާރަށުގެ މުއައްސަސާތަކުގައި ބޭނުންކުރުމަށް ބިއްލޫރި ފުޅި ހަދިޔާކޮށްފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ.

Ad
rt

ކުރިމަގު ޖަމިއްޔާގެ ފަރާތުން މި ބިއްލޫރި ފުޅިތައް ހަވާލުކޮށްދެއްވީ ރައީސް ޢަބުދުﷲ މާހިރެވެ. ބާރަށު މުއައްސަސާތަކުގެ ފަރާތުން އިސްކޮށް މި ފުޅިތަކާއި ހަވާލުވީ ކައުންސިލްގެ ރައީސް ޢަލީ ސަމީމެވެ.

ކުރިމަގު ޖަމިއްޔާގެ ރައީސް ''ތިލަދުން'' އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހަދިޔާކުރާ ބިއްލޫރި ފުޅިތަކަކީ ހެޔޮއެދޭ ފަރާތްތަކުން އެ ޖަމިއްޔާ އަށް ހަދިޔާކުރާ ފުޅިތަކެއް ކަމަށެވެ. މިގޮތުން ވެލާ އައިލެންޑް ރިސޯޓާއި، ރީތި ރަށުގެ ނަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިއްދޫގެ ކޮމިއުޓީން މިކަމަށް ދޭ އެއްބާރުލުން ވެސް އޭނާ ފާހަގަކުރިއެވެ.

ކުރިމަގު ޖަމިއްޔާ އަކީ މުޅި ރާއްޖެ އަށް ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގައި ނަމޫނާ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިން ވަނީ 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 85،000 އަށްވުރެ ގިނަ ބިއްލޫރިފުޅި ހަދިޔާކޮށްފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ 85 އިންސައްތަ ސްކޫލަށް ވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ. އަދި އެކިރަށްރަށުގެ މުއައްސަސާތަކާއި އެކި ޖަމާއަތްތަކަށް ވަނީ ބިއްލޫރިފުޅި ހަދިޔާކޮށްފައެވެ.

ކުރިމަގު ޖަމިއްޔާއިން އަންނަނީ އެޖަމިއްޔާ އާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، ދިއްދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ޖުލައި 26 ގައި އެރަށުގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ތައްޔާރުވަމުންނެވެ.