ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލާއި، މިހާރުގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިގެން 19 އޭޕްރިލް 2026 ގައި ޢިއުލާންކުރެއްވި ''ބޮޑު ބަދަލު'' އިސްލާޙްތަކާ ގުޅޭ އޮފީސް އުފައްދާފައިވާކަމަށް މިއަދު އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބުނީ، 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހެޅުމުން، މެންބަރުން ފާސްކޮށްފައިވާ ''ބޮޑު ބަދަލު'' އޮފީސް، އެ ޕާޓީގެ ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފައިވާކަމަށެވެ.

Ad
rt

މިއޮފީހުގެ ވެރިއެއްގެ ގޮތުގައި ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވާނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރަށްވާފައިވާ ޙަސަން ލަޠީފްކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ފައްޔާޟާއި ނަޝީދު 19 އޭޕްރިލް 2026 ގައި ޢިއުލާންކުރެއްވި ''ބޮޑު ބަދަލު'' އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ފަރާތް (ހެޑް އޮފް ގަވަރްމަންޓް) ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ.

ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ހޮވާނީ އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.

އެދުވަހު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ފައްޔާޟަށް ދިނުމަށް ތާއީދުކުރައްވާކަން ހާމަކުރަށްވާފައެެވެ. އަދި އެދުވަހު އެމަނިކުފާނު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާނެކަން ވެސް ޢިއުލާންކުރަށްވާފައެވެ. އެއަށްފަހު ޗެއާޕާސަންގެ ކެމްޕޭން ކުރިއަށް ގެންދެވީ ''ބޮޑު ބަދަލު''ގެ ޝިއާރުގެ ދަށުންނެވެ.