ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ޓިއުނީޝިއާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޖަޕާނުން މުބާރާތުގެ ނޮކްއައުޓް ބުރާ ގާތަށް ޖެހިލައިފިއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ކުޅެވުނު ފިރިހެނުންގެ 1،000 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ޖަޕާނުން ޖެހި ހަތަރު ލަނޑަކީ އެ ގައުމުން ވޯލްޑް ކަޕްގެ މެޗެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ. މި މޮޅާއެކު ޖަޕާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ގްރޫޕްގެ އެއްވަނައިގައި ނެދަލޭންޑްސް އޮތީ ޖަޕާނާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް، ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

Ad
rt

މެޗުގެ ހަތަރުވަނަ މިނެޓުގައި ޖަޕާނަށް ލީޑު ނަގައިދިނީ ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު ޑައިޗީ ކަމާޑާ އެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ޖަޕާނުން ޖެހި އެންމެ އަވަސް ލަނޑެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަޔާސޭ އުއެޑާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަޕާނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުގައި ޖަޕާނުގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖުންޔާ އިޓޯ އެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އުއެޑާ ވަނީ އޭނާގެ ދެވަނަ ލަނޑު ބޮލުން ޖަހައި، ޖަޕާނަށް މޮޅު ކަށަވަރުކޮށްދީފައެވެ. ފޭނޫޑަށް ކުޅޭ އުއެޑާ އަކީ ނިމިދިޔަ ސީޒަނުގައި 24 ލަނޑާއެކު އެރެޑިވިޒީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

މި ބައްޔާއެކު ޓިއުނީޝިއާ ވަނީ މުބާރާތުން ކަޓާފައެވެ. ފުރަތަމަ މެޗަށްފަހު ކޯޗު ވަކިކުރި ފުރަތަމަ ޓީމަށް ޓިއުނީޝިއާ ވެފައިވާއިރު، އާ ކޯޗު ހާވޭ ރެނާޑްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ވެސް އެ ޓީމަށް ޖަޕާނުގެ ހަލުވި އެޓޭކްތައް ހުއްޓުވޭ ގޮތެއް ނުވިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި އަންނަ ބުރާސްފަތި ދުވަހު ޖަޕާން ނުކުންނާނީ ސްވިޑަންއާ ދެކޮޅަށެވެ. އަދި ޓިއުނީޝިއާ ބައްދަލުކުރާނީ ނެދަލޭންޑްސްއާއެވެ.