އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާ ގައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، މެޑަމް ސާޖިދާ ވަނީ ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ސިއްހީ ހިދުމަތް ލިބެންޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ. އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ.

މެރކް ފައުންޑޭޝަނާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުމުގެ ތެރެއިން ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ފާޓިލިޓީ، އެންޑޯކްރިނޮލޮޖީ އަދި ޕީޑިއޭޓްރިކްސް ފަދަ ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި، ކްރިއޭޓިވް ދާއިރާތަކުން ލިބުނު އެވޯޑުތަކުގެ އިތުރުން 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓްގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމައުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އެފަދަ ތަފާތުކުރުންތަކަކީ ބަލީގެ ވޭނާ އެއްވަރުގެ ކަމެއްކަން ފާހަގަކުރައްވައި، ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ސިއްހަތާއި ފުރުސަތުތަކަކީ މަދު ބަޔަކަށް ލިބޭ އިމްތިޔާޒަކަށް ނުހަދައި، އެއީ އެންމެންގެ ހައްގަކަށް ހެދުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ ސަރަހައްދީ ތަރައްގީއާއި ސިއްހީ ދާއިރާގެ މުހިންމު ކަންކަމަށް ހައްލު ހޯދުމަށް މާހިރުން އެއްތަންކޮށްދޭ އަހަރީ ކޮންފަރެންސެކެވެ.