ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އެރަށު ކުރިމަގު ޖަމިއްޔާއިން އިސްވެ ތައްޔާރުވާން ފަށައިފިއެވެ.
މި ހަރަކާތަކީ އެ ޖަމިއްޔާ އާއި މޫސުމީ ބަދަލްތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ހއ. ދިއްދޫ ކައުންސިލާއި އަދި ދިއްދޫގެ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތެކެވެ.
މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ. މި ހަރަކާތް އިންތިޒާމް ކުރުމާ ގުޅޭގޮތުން ކުރިމަގު ޖަމިއްޔާއިން ވަނީ މިއަދު ދިއްދޫގެ އެކި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރިމަގު ޖަމިއްޔާއިން ވަނީ އެލްޖީއޭ ހއ. އަތޮޅު ގޮފި، ހއ. އަތޮޅު ހޮސްޕިޓަލް، ވެމްކޯ ދިއްދޫ ގޮފި، ދިއްދޫ ކައުންސިލް، ފެނަކަ ދިއްދޫ ގޮފި އަދި ދިއްދޫ ޕޮލިސް އާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ހުރިހާ އިދާރާތަކަކުންވެސް ވަނީ ދިއްދޫ ފެހިކުރުމުގެ މި ހަރަކާތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މީގެ އިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން މޫސުމީ ބަދަލްތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ އެކުވެސް ކުރިމަގު ޖަމިއްޔާއިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
މިހަރަކާތާއި ގުޅިގެން ކުރިމަގު ޖަމިއްޔާގެ ރައީސް ޢަބުދުﷲ މާހިރު ''ތިލަދުން'' އަށް މައުލޫމާތު ދެމުން ބުނީ މި ހަރަކާތުގެ ދަށުން ދިއްދޫގައި ގަސް އިންދަން ނިންމާފައި ވަނީ އެރަށަށް ބިން ހިއްކައިގެން އަލަށް އިތުރުކުރި ބިމުގައި ކަމަށެވެ.
''އެތަނުގައި އިންދާ ގަސްތައް ބަލަހައްޓާނީ ކައުންސިލުން'' އޭނާ ބުނެފަވެއެވެ.
ކުރިމަގު ޖަމިއްޔާ އަކީ މުޅި ރާއްޖެ އަށް ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގައި ނަމޫނާ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިން ވަނީ 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 85،000 އަށްވުރެ ގިނަ ބިއްލޫރިފުޅި ހަދިޔާކޮށްފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ 85 އިންސައްތަ ސްކޫލަށް ވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ. އަދި އެކިރަށްރަށުގެ މުއައްސަސާތަކާއި އެކި ޖަމާއަތްތަކަށް ވަނީ ބިއްލޫރިފުޅި ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!