ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ''ފީފާ ވޯލްޑް ކަޕް 2026'' ޚާއްސަ ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕީއެސްއެމް ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަހީދް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ކަވަރޭޖުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ދެ ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. އެލައިޑުގެ ފަރާތުން ޗީފް އަންޑަރައިޓިން އޮފިސަރ އުދުލިއާނާ ރުސެއީ ސޮއިކުރެއްވިއިރު، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީޤެވެ.
މީގެ އިތުރުން، ކަވަރޭޖް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތަކާއެކު ޕީއެސްއެމްއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، އައިލެންޑް ޕާފިއުމްސް، އީޒެޕް އަދި ޕްރޮކްސީއެވެ. މި ކުންފުނިތަކުގެ އިސްވެރިން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕަށް ޕީއެސްއެމްއިން ގެނެސްދޭ މި ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
ފީފާ ވޯލްޑްކަޕް 2026 ފަށާނީ އަންނަ ބުރާސްފަތި ދުހުގެ ރޭ މެންދަމު ރާއްޖޭ ގަޑިން 12:00 ގައެވެ. މުބާރާތް ހުޅުވާ މެޗުގައި ކުޅޭނީ މުބާރާތް ބާއްވާ އެއް ގައުމުކަމަށްވާ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!