ތިން ފަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ނެދަލެންޑްސްއަށް އެންމެ ފަހުން ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟
ޑަޗް ޓީމަކީ މުބާރާތުގެ ތާރީޚުގައި "ނަސީބު ދެރަ" އެއް ޓީމެވެ. އެގޮތުން 1974 އަދި 1978 ވަނަ އަހަރުގެ ފައިނަލުން ވިދިވިދިގެން ބަލިވިއިރު، 2010 ވަނަ އަހަރުގެ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ.
ނެދަލެންޑްސް ހިމެނިފައިވަނީ ސްވިޑަން، ޖަޕާން އަދި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ.
ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމު ދެވަނަ ބުރަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިމަތިވެދާނެ ގޮންޖެހުންތައް އެބަހުއްޓެވެ. ޚާއްޞަކޮށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނާއި ސްޕެއިން ސިއްސުވާލި ޖަޕާނަކީ ފަސޭހަވާނެ ޓީމެއް ނޫނެވެ.
ނެދަލެންޑްސް
1970 ގެ އަހަރުތަކުގައި "ޓޯޓަލް ފުޓްބޯލް" އުފެއްދި ނެދަލެންޑްސްއަކީ އަބަދުވެސް ބަލާލަން ރީތި ކުޅުމެއް ކުޅޭ ޓީމެކެވެ. ނަމަވެސް ވޯލްޑް ކަޕެއް ކާމިޔާބު ކުރުމަށް އެކަން އެކަނި ފުދޭވަރެއް ނުވިއެވެ.
ގައުމީ ޓީމާ ދެވަނަ ފަހަރަށް ހަވާލުވެ ހުރި ކޯޗު ރޮނާލްޑް ކޫމަން އުންމީދު ކުރަނީ ގައުމުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމަށެވެ.
އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1988 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި އެންމެ ފަހުން ކޯޗުކަމުގައި ހުރި ދުވަސްވަރު 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދައިދިނެވެ.
ނެދަލެންޑްސް ޓީމުގައި ވާޖިލް ފެން ޑައިކް، ރަޔަން ގްރެވެންބާކް، ޓިޖާނީ ރެއިންޑާސް އަދި ކޯޑީ ގަކްޕޯ ފަދަ ޕްރިމިއާ ލީގުގެ ތަރިން ތިބި ނަމަވެސް، ކުރީގެ ޖީލުތަކުގައި ފެނުނު ފަދަ މޮޅު ކުޅުންތެރިން މަދު ކަމަށް ފެނެއެވެ.
ޖަޕާން
ޖަޕާނުން ވިދިވިދިގެން އަށްވަނަ ވޯލްޑް ކަޕްގައި ވާދަކުރާއިރު، އެ ޓީމުގެ އަމާޒަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.
މި އަހަރުގެ މުބާރާތް ބާއްވާ ތިން ގައުމު ފިޔަވައި، ކޮލިފައިން ކާމިޔާބުކުރި ފުރަތަމަ ޓީމަކީ ޖަޕާނެވެ. އެ ޓީމު ޖާގަ ކަށަވަރުކުރީ ބާކީ ތިން މެޗު އޮއްވައެވެ.
ގަތަރުގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި ސްޕެއިން ބަލިކޮށް އެ ޓީމުން ބޮޑު ސިހުމެއް ގެނުވި ނަމަވެސް، މިހާތަނަށް 16 ވަނަ ބުރަށް ވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ.
ޖަޕާން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕްގައެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކްގެ ޑިފެންޑަރު ހިރޯކީ އިޓޯ އާއި ބްރައިޓަންގެ ފޯވާޑް ކައޯރޫ މިޓޯމާ ހިމެނެއެވެ.
ސްވިޑަން
ސްވިޑަން މުބާރާތަށް ކޮލިފައިވީ ވަރަށް އުނދަގުލުން، ޕްލޭއޮފްގެ އެހީގައެވެ.
ކޮލިފައިން ގްރޫޕްގެ އެންމެ ފުލުގައި، އެއްވެސް މެޗަކުން މޮޅުނުވެ ނިންމާލަން ޖެހުނު ނަމަވެސް، ޕްލޭއޮފުން ޖާގަ ލިބުނީ 2024-2025 ގެ ނޭޝަންސް ލީގުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ.
ފަހަކަށް އައިސް ޗެލްސީ އާއި ވެސްޓް ހޭމް އިން ވަކިކުރުމާ ގުޅިގެން ކެރިއަރު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ އާ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން، ސްވިޑަން ވަނީ ޕްލޭއޮފްގައި ޔޫކްރޭނާއި ޕޮލެންޑް ބަލިކޮށް ކުރިއަށް ގޮސްފައެވެ.
އަލެކްސެންޑަރ އިސާކް އަދި ވިކްޓަރ ގިޔޮކެރެސް ފަދަ ޔޫރަޕްގެ މޮޅު ދެ ފޯވާޑުން ތިބިއިރު، ކޮލިފައިންގައި ސްވިޑަންއަށް ދިމާވި މައްސަލަތަކަކީ ހީނުކުރާ ފަދަ ކަންތައްތަކެކެވެ.
އެހެން މުހިންމު ކުޅުންތެރިންގެ ތެރޭގައި ލޫކަސް ބާގްވަލް އާއި އެންތަނީ އެލަންގާ ހިމެނެއެވެ.
1958 ވަނަ އަހަރުގެ ރަނަރަޕް ސްވިޑަންއަށް އެމެރިކާއަކީ އުފާވެރި ހަނދާންތަކެއް ހުރި ގައުމެކެވެ. އެންމެ ފަހުން 1994 ވަނަ އަހަރު އެމެރިކާގައި ވޯލްޑް ކަޕް ބޭއްވިއިރު އެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ޓިއުނީޝިއާ
ޓިއުނީޝިއާގެ އަމާޒަކީ ހަތްވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާއިރު، ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.
މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އެ ޓީމު އެކަމާ ވަރަށް ގާތަށް ދިޔައެވެ. އެފަހަރު ގްރޫޕްގެ ތިންވަނަ ހޯދީ އޭރުގެ ޗެމްޕިއަން ފްރާންސް 1-0 އިން ބަލިކޮށް، ޑެންމާކާ އެއްވަރުކޮށްގެންނެވެ.އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 އާ ހަމައިން ކަޓައި، ޓިއުނީޝިއާއަށް ކުރިމަތިވި މާޔޫސްކަމަށްފަހު، ސާމީ ތުރާބެލްސީގެ ބަދަލުގައި ކޯޗަކަށް ހަމަޖެއްސީ ސަބްރީ ލަމޫޝީއެވެ.
މި ސީޒަނުގައި ޕެރިސް ސެއިންޓް-ޖާމަންއާ ގުޅުނު އުމުރުން 21 އަހަރުގެ ޚަލީލް އަޔާރީ ވަނީ ދާދި ފަހުން ގައުމީ ޓީމުން ޖާގަ ހޯދަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!