ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

Ad
rt

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ.

މިދުވަސްވަރު މަސްވެރިކަން ދަށް ނަމަވެސް، ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުން ކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމާއި، އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ގޮތްތައް ހަމަޖައްސަމުންނެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ބޭނުންވާ ބިމާއި ބަނދަރުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.