މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސީގައި އެންމެ ވަރުގަދަ ދެ ޓީމުގެ ގޮތުގައި ފެންނަން އޮތީ މި މިބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް އާއި އެފްރިކާގެ ބާރުގަދަ މޮރޮކޯ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގިނަ ދުވަސްތަކަކަށްފަހު ވޯލްޑް ކަޕަށް އެނބުރި އައި ސްކޮޓްލޭންޑާއި ހައިޓީއެވެ.

މި ގްރޫޕުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ބްރެޒިލްގެ މެޗުތައް ނިއު ޔޯކް، ފިލަޑެލްފިއާ އަދި މިއާމީގައި ކުޅޭއިރު، ސްކޮޓްލޭންޑުން ހައިޓީ އަދި މޮރޮކޯއާ ދެކޮޅަށް ކުޅޭނީ ބޮސްޓަންގައެވެ. އަދި ހައިޓީ އާއި މޮރޮކޯ ބައްދަލުކުރާ މެޗު އޮންނާނީ އެޓްލާންޓާގައެވެ.

Ad
rt

ބްރެޒިލް

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްއަށް އެންމެ ފަހުން ތަށި ލިބުނީ 2002 ވަނަ އަހަރެވެ.

އޭގެ ފަހުން، 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ދިޔުން ފިޔަވައި، ކޮންމެ މުބާރާތެއްގެ ކުއާޓާ ފައިނަލުން އެ ޓީމު ވަނީ ކަޓާފައެވެ. 2014 ގައި ޖަރުމަނު އަތުން 7-1 ގެ ލަދުވެތި ނަތީޖާއަކުން ބްރެޒިލް ބަލިވިއެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި މުބާރާތުން ބްރެޒިލް ކެޓީ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ އަތުންނެވެ.

މިފަހަރު ބްރެޒިލް ޓީމު ލީޑުކުރާނީ ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އާއި ބާސެލޯނާގެ ރަފީނިއާއެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޑްރިޑްގެ ފޯވާޑް ރޮޑްރީގޯ ވަނީ ވޯލްޑް ކަޕުން ބާކީވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްގެ ނަތީޖާތައް ދަށްވެ، ވާދަވެރި އާޖެންޓީނާ އަތުން ބަލިވެފައި ވަނިކޮށް، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަމަޖައްސާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޓީމު ކޮލިފައިވި ނަމަވެސް، ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް ދިޔައީ ފަސްވަނައަށެވެ.

އަންޗެލޮޓީ ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް ވޯލްޑް ކަޕެއްގައި އޭނާގެ ހަމައެކަނި ތަޖުރިބާއަކީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައި އިޓަލީގެ އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި އަރީގޯ ސާކީގެ ދަށުން މަސައްކަތް ކުރުމެވެ. އެ އަހަރުގެ ފައިނަލުގައި އިޓަލީ ބަލިވީ ބްރެޒިލް އަތުންނެވެ.

މޮރޮކޯ

އެންމެ ފަހުގެ ވޯލްޑް ކަޕްގައި މޮރޮކޯ ހަތަރުވަނަ ހޯދިއިރު، މިއީ އެފްރިކާގެ ޓީމަކުން މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އެ ޓީމު ސެމީ ފައިނަލަށް ދިޔައީ ގަދަ 16 ގައި ސްޕެއިން އަދި ކުއާޓާ ފައިނަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ބަލިކުރުމަށްފަހުއެވެ. ސެމީގައި އެ ޓީމު ބަލިވީ ރަނަރަޕް ފްރާންސް އަތުންނެވެ.

މޮރޮކޯ ވޯލްޑް ކަޕަށް މި އަންނަނީ މިދިޔަ ޑިސެމްބަރު އަދި ޖެނުއަރީ މަހު އެ ގައުމުގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ހަލަބޮލި ނިމުމަކަށްފަހުއެވެ. ފައިނަލުގައި ސެނެގާލް އަތުން މޮރޮކޯ ބަލިވި ނަމަވެސް، މާޗް މަހު އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވަނީ އެ ނަތީޖާ ބަދަލުކޮށްފައެވެ. އެއީ ރެފްރީގެ ހުއްދައާ ނުލައި ސެނެގާލް ޓީމުން ދަނޑުން ފޭބުމުން، އެ ޓީމު ބަލިވި ކަމަށް ނިންމުމާ ގުޅިގެންނެވެ.

ފައިނަލަށްފަހު ކޯޗު ވަލީދު ރެގްރާގީ އިސްތިއުފާ ދިނުމުން، ވޯލްޑް ކަޕްގައި މޮރޮކޯއަށް އިރުޝާދުދޭނީ އާ ކޯޗު މުހައްމަދު އުއާބީއެވެ. އޭނާއަކީ މޮރޮކޯގެ 20 އަހަރުން ދަށުގެ ޓީމަށް ޔޫތު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗެވެ.

މޮރޮކޯއަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އަދި ޕޯޗުގަލްއާ ގުޅިގެން ބާއްވާ ގައުމެވެ.

ހައިޓީ

ކެރީބިއަންގެ މި ގައުމު ވޯލްޑް ކަޕުން މި ފެންނަނީ ދެވަނަ ފަހަރަށެވެ. މިއީ 1974 ވަނަ އަހަރުގެ ފަހުން އެ ގައުމު ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޓީމު ކޮލިފައިވީ ކޮންކާކަފް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

1974 ވަނަ އަހަރު ހައިޓީ މުބާރާތުން ކެޓީ އިޓަލީ، ޕޮލެންޑް އަދި އާޖެންޓީނާ އަތުން ޖެހިޖެހިގެން ތިން މެޗުން ބަލިވެގެންނެވެ. މިފަހަރުވެސް ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ފްރާންސްގެ ސެބަސްޓިއަން މިގްނޭގެ އިރުޝާދުގެ ދަށުން ކުޅޭ ހައިޓީ މިވަގުތު އޮތީ ފީފާ ރޭންކިންގެ 83 ވަނައިގައެވެ. މިއީ ވޯލްޑް ކަޕަށް ކޮލިފައިވި 48 ޓީމުގެ ތެރެއިން، ނިއުޒީލެންޑް ފިޔަވައި އެންމެ ދަށް ރޭންކިންއެވެ. މި ޓީމުގެ ކެޕްޓަނަކީ އުމުރުން 32 އަހަރުގެ ޑަކަންސް ނޭޒޯން އެވެ. އޭނާއަކީ ކޮންކާކަފް ކޮލިފައިންގައި ހަ ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެ ތެރޭގައި ކޮސްޓަރީކާއާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޭނާ ހެދި ހެޓްރިކް ފާހަގަކޮށްލެވެއެވެ.

=

ނިމިދިޔަ އަހަރުގެ ފަހު ކޮލިފައިން މެޗުގައި ޑެންމާކް އަތުން ފަހު ވަގުތު ހޯދި މޮޅާއެކު، 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްކޮޓްލޭންޑް ވޯލްޑް ކަޕްގައި ކުޅޭނެއެވެ.

މި ޓީމުގެ އިސް ކުޅުންތެރިއަކީ ސްކޮޓް މެކްޓޮމިނޭ އެވެ. އޭނާއަކީ ސްކޮޓްލޭންޑް އަލުން ވޯލްޑް ކަޕަށް ކޮލިފައިވިކަން ކަށަވަރުވި، ޑެންމާކް އަތުން 4-2 އިން މޮޅުވި ފޯރިގަދަ މެޗުގައި ލަނޑު ޖެހި އެއް ކުޅުންތެރިޔާއެވެ.
ކޯޗު ސްޓީވް ކްލާކް 2019 އިން ފެށިގެން ޓީމާ ހަވާލުވެ ހުރިއިރު، އޭނާ ވެގެންދާނީ ބޮޑު ތިން މުބާރާތެއްގައި އެ ގައުމަށް އިރުޝާދުދޭ ފުރަތަމަ ކޯޗަށެވެ. 2020 އަދި 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ސްކޮޓްލޭންޑް ވަނީ ކަޓާފައެވެ.

މީގެ ކުރިން އަށް ފަހަރު ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެއްވެސް ފަހަރަކު ގްރޫޕް ސްޓޭޖުން އެ ޓީމަށް ކުރިއަށް ދެވިފައެއް ނުވެއެވެ. އަދި 1998 ވަނަ އަހަރު އޭރުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ހަނި ތަފާތަކުން ސްކޮޓްލޭންޑް ވަނީ ބަލިވެފައެވެ.