ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖެ މިއަދު އޮތީ ޣައްޒާ ހިމެނޭހެން ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓްގައި ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ރައްކާތެރި ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމުތަކާއި ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުމާއެކު ހުއްޓުވިދާނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމާއި، ރާއްޖެއަށް އެތެރެކުރާ ތަކެތި ކޮންޓްރޯލްކުރުން ވަރުގަދަކުރުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ތަޙުލީލުކުރުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޣައްޒާ ފަދަ ނުރައްކާތެރި ޙާލަތްތަކުގައިވާ ސަރަޙައްދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެފަދަ ތަންތަނުގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަހައްމަލުތައް ދަނީ އިތުރުވަމުން ކަމަށެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
''މިއަދު އަޅުގަނޑުމެން މިތިބީ، ޣައްޒާ ހިމެނޭހެން، ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކުގައެވެ. އެފަދަ ތަންތަނުގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަހައްމަލުތައް ދަނީ އިތުރުވަމުންނެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަމެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބޯލަނބައި، އެއްބާރުލުން އިތުރުކޮށްގެން، އެންމެނަށްޓަކައި ރައްކާތެރި މުސްތަޤުބަލެއް ބިނާކުރެވިދާނެއެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ މި ދުވަހާ ގުޅިގެން މެސެޖެއް ދެއްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވިޔަފާރިވެރިންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތައް ހިމެނޭހެން އެންމެންގެ ހިއްސާ އޮންނަ ޖަމަޢީ މަސްއޫލިއްޔަތެކެވެ. ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!