ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށްދާއިރު މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މި އިންތިޚާބުގެ ވޯޓު ކުރިއަށް ގެންދަން އީސީން ނިންމާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިޚާބުގައި 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ހެނދުނު 11:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 793 މީހުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވެފައި ވަނީ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ އަމާންކަމާއި އޮމާން ކަމާއެކުކަމަށެވެ. އަދި ކޮމިޝަންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ވަގުތު ވަޑައިގެން ވޯޓުލައްވާ ޤާނޫނީ ޒިންމާ އަދާކުރެއްވުންކަމަށް އޭނާ ވިދާޅުވެފަވެއެވެ.
މި ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރަށްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. އަދި އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަރާތުން ކުރިމަތިއްލެއްވީ ޢަބުދުﷲ ސޯދިގު (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!