މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ "ބަދަހި ޢީދު" ހަރަކާތުގެ ތެރެއިން، އެ ރަށުގެ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަކީ ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

Ad
d

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ހޫނު ތަރުހީބެއް ލިބިގެން ދިޔައީ ފިރިހެން ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ދަފިނެގުމުގެ ހަރަކާތަށެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ބެރުގެ ފޯރިގަދަ ހަމަތަކަށް، ފިރިހެންވެރިންގެ ފިސާރި ކުޅަދާނަކަން ދައްކުވައިދިން މި ހުށަހެޅުން ފެނިގެންދިޔައީ މުޅި މައިދާން ގުގުމާލި، ބެލުންތެރިންގެ ފޯރި ގަދަކޮށްލި ހުށައެޅުމެއްގެ ގޮތުގައެވެ. ދަފިނެގުމުގެ އިތުރުން، ފިރިހެނުންގެ ކުރުދަނޑި ޖެހުމާއި، މާފަތި ނެށުން ވެސް ވަރަށް ފުރިހަމައަށް ކުރިއަށްދިޔައެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ސީޕީއެސްގެ ކަނބަލުންގެ ހުށަހެޅުންތައް ވެގެންދިޔައީ ފަރިފަރި އަދި އެހާމެ ނަލަ ހުށައެޅުންތަކަކަށެވެ. އެކަނބަލުން ބަނޑިޔާ އާއި މާފަތީގެ ހަރަކާތުން ސިފަވެގެން ދިޔައީ އުދަރެހުގައި އުދުހޭ ދޫނިތަކެއް ފަދަ ލުއި، ހިތްގައިމު ހަރަކާތްތަކެއްގެ ގޮތުގައެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ކަނބަލުންގެ ކުރުދަނޑީގެ ހަރަކާތުގައި ބެރުގެ މަޑު ހަމަތަކަށް ފައި ހަމަކުރަމުންދިޔަ ފަރިގޮތްތަކުން ބެލުންތެރިންގެ ހިތްތަކަށް ބޮޑު އުފާވެރިކަމެއް ގެނުވިއެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

މީގެއިތުރުން އަންހެނުންނާއި ފިރިހެނުން އެކުވެގެން ހުށަހަޅައިދިން "މާކޯޅި" ހަރަކާތް ވެގެން ދިޔައީ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން ރަމްޒުކޮށްދިން، މި ފަހަރުގެ އީދުގައި ފެނިގެންދިޔަ އެންމެ ތަފާތު އެއް ހުށަހެޅުމަށެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މި ކުލަބުން ހުށަހަޅާދިން ހުރިހާ ސަގާފީ ހުށަހެޅުންތަކެއްގެ ޅެންތައް ހަދާފައިވަނީ އިހަވަންދޫގެ އަމިއްލަ ދަރިންކަމެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ސޯޝަލް މީޑިއާގައާއި މީޑިއާތަކުގައި މި ހަރަކާތްތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާއިރު، ގިނަ ބަޔަކު އަންނަނީ ކްލަބް ޕޯލްސްޓާގެ މި މަސައްކަތަށް ތަޢުރީފު ކުރަމުންނެވެ.

ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ކުލަބު ޕޯލްސްޓަރގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ "މިއަހަރުގެ މި ހަރަކާތްތަކަށް ލިބުނު ބޮޑު ތަރުހީބަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަސައްކަތްތަކެއް ކުރުމަށް ލިބުނު ބޮޑު ހިތްވަރެއް" ކަމަށެވެ.

Ad
df
ބޮޑު ޢީދު ފާހަގަކުރުމަށް އިހަވަންދޫ ޕޯލްސްޓާރ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ޕޯލްސްޓަރ

ކްލަބް ޕޯލްސްޓަރގެ އަމާޒަކީ އަންނަ އަހަރުގެ ޢީދުގައި މިއަށްވުރެވެސް ކުލަގަދަ، އަދި މުޅި ރާއްޖެ ސިއްސުވާލާފަދަ ތަފާތު ސަގާފީ ހަރަކާތްތަކަކާއެކު އިހަވަންދޫގެ ޢީދު ފޯރީގެ ތެރެއިން ފެނިގެންދިއުމެވެ.