ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
''ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ،" ރައީސް ވިދާޅުވެފަވެއެވެ.
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅަން ޖެހުނު ސަބަބަކީ، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެ، އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ މަދުވެފައިވާތީ ކަމަށް ބީއެމްއެލް އިން ކުރިން ވަނީ ބުނެފައިވެ އެވެ.
ބީއެމްއެލް އިން މިހާރު ޑޮލަރު ވިއްކަމުންދަނީ ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ ވަކި ބަޖެޓެއްގެ ތެރެއިންނެވެ. މި ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވުނު ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތް ގޮތަށް މުއާމަލާތް ކުރެވޭނެއެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދީފައިވާ 1,200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދީފައިވާއިރު، ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް އަމިއްލަ ކާޑު ހެއްދުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ރާއްޖެއިން ބޭރުގައި ސިއްހީ އަދި ދަތުރުފަތުރުގެ ކަންކަމަށް 3,000 ޑޮލަރާ ހަމައަށް ކާޑުން މުއާމަލާތް ކުރެވޭނެ އިންތިޒާމް އެ ބޭންކުން ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!