ހަނގުރާމަ ފެށުނު ދުވަސްވަރުން ފެށިގެން އޭޕްރީލް މަހު އިއުލާނުކުރި ސުލްހައިގެ އެއްބަސްވުމާ ހަމައަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނަށް އަމާޒުކޮށް ގިނަ އަދަދަކަށް ވައިގެ ހަމަލާތަކެއް ދީފައިވާކަން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ޝާއިޢުކުރި މި ރިޕޯޓުގައިވާ ގޮތުން، ޔޫއޭއީން ވަނީ ފަރަންސޭސިވިލާތުގެ މިރާޖް ފައިޓަރ ޖެޓްތަކާއި، އެފް-16 ބޯޓުތަކުގެ އިތުރުން ޗައިނާގައި އުފައްދާފައިވާ ވިންގް ލޫންގް ޑްރޯންތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފައެވެ. މި ހަމަލާތަކަކީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އެހީތެރިކަމާއެކު ވަރަށް ބޮޑަށް ވިލަރެސްކުރެވިގެން ދީފައިވާ ހަމަލާތަކެކެވެ.
މި އޮޕަރޭޝަންތަކުގައި އީރާނުގެ މުހިންމު އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރޭގައި އީރާނުގެ 10 ވަނައަށް އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ ލަވަން އައިލެންޑް ރިފައިނަރީއާއި، އަސަލޫޔޭ ޕެޓްރޯކެމިކަލް ކޮމްޕްލެކްސް ހިމެނެއެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅީގައި އޮންނަ ގޭޝްމް އަދި އަބޫ މޫސާ ރަށުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓް ބުނެއެވެ.
މި ހަމަލާތަކަކީ އީރާނުން ޔޫއޭއީއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުގައި ދީފައިވާ ހަމަލާތަކެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ހަނގުރާމަ ފެށުމުގެ ކުރިން އީރާނުން ވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދުޝްމަނުންނަށް އެހީތެރިވާ ޤައުމުތަކަކީ ވެސް އަމާޒުފަތްގަނޑަކަށް ވާނެކަމަށް ދުރާލާ އިންޒާރުދީފައެވެ. އީރާނުން ޔޫއޭއީ އަށް ހަމަލާދިނީ އީރާނަށް ހަމަލާދިނުމުގައި އެމެރިކާ އާއި އިސްރާއީލުން ޔޫއޭއީގެ މަރުކަޒުތަކާއި ތަންތަން ބޭނުންކުރާކަން ކަށަވަރުވާތީކަން އީރާނުން އައީ ބުނަމުންނެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުން މިކަން ތެދުކަން ހާމަވެފައިވާއިރު، ހަމަލާތައް ދިނީ ހަމައެކަނީ އިސްރާއީލާއި އެމެރިކާއިން ނޫންކަން ވެސް މިވަނީ ފަޅާއަރާފައެވެ. އަދި މި ހަނގުރާމާގައި ސީދާ ޔޫއޭއީ ބައިވެރިވިކަން ވެސް މިވަނީ ފަޅާއަރާފައެވެ.
ވޯލް ސްޓްރީޓް ޖާނަލް ރިޕޯޓުގައިވާ ގޮތުން އީރާނުން ވަނީ 2,800 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ޑްރޯން ޔޫއޭއީގެ ސަރަހައްދަށް ފޮނުވާލާފައެވެ. މީގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ޖަބަލް އަލީ ބަނދަރު ފަދަ މުހިންމު ތަންތަނަށް ގެއްލުންވެ، ޔޫއޭއީގެ ފަތުރުވެރިކަމާއި މާލީ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ.
ޔޫއޭއީގެ މި ސިއްރު ހަނގުރާމައިގެ ސަބަބުން ސައުދީ އަރަބިއްޔާއާއެކު އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓްގައި ފާހަގަކޮށްފަވެއެވެ. ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބޭނުންފުޅުވީ ސުލްހަވެރި މަގަކުން މައްސަލަ ހައްލުކުރުމަށް ކަމަށާާއި، ނަމަވެސް ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު ބޭނުންފުޅުވީ އަސްކަރީ ބަދަލުހިފުމަށްކަމަށް ރިޕޯޓްގައި ބުނެފަވެއެވެ. އަދި އޭޕްރީލް މަހު ޔޫއޭއީން އޯޕެކް އިން ވަކިވީވެސް މި ހިޔާލުތަފާތުވުންތަކުގެ ސަބަބުންކަމަށް ރިޕޯޓުގައި ބުނެފަވެއެވެ.
ޔޫއޭއީން ވަނީ ހުޅަނގުގެ ގައުމުތަކާއި އިސްރާއީލާއެކު އޮތް ގުޅުން އިހަށްވުރެ އިތުރަށް ބަދަހިކޮށްފައިކަމަށާއި، މީގެ ތެރޭގައި އިސްރާއީލުގެ އައިރަން ޑޯމް އެއާ ޑިފެންސް ސިސްޓަމްތައް ޔޫއޭއީގެ ފަސްގަނޑުގައި ގާއިމުކުރުމުގެ ހުއްދަ ދިނުން ހިމެނޭކަމަށް ވެސް ތަހްގީގީ ރިޕޯޓްތައް ގެނެސްދޭ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!