އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.
އަފްލަހްގެ މައްޗަށް ޕީޖީ އޮފީހުން ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
އަފްލަޙަކީ ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާއެވެ. ނަމަވެސް އެތަނުގެ ހިއްސާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އޭނާގެ ޢާއިލީ ބައެއްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޯޓު އަމުރެއްގެ ދަށުން އަފްލަޙު ހައްޔަރުކޮށްފައިވަނީ 11 ފެބްރުއަރީ 2026 ގައެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!