ދިވެހި އެހެން ހާޖީން ޢަރަފާތް ބިމަށް ދިޔައިރު، މިނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން ނުދެވުނު ހާޖީވެސް ޢަރަފާތަށް ގެންގޮސްފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އޭނާ ޢަރަފާތަށް ގެންގޮސްފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

Ad
rt

މިހާރު ދިވެހި ހުރިހާ ހާޖީން ޢަރަފާތް ބިމުގައިތިބިއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.

''ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ ޢަރަފާތުގަ. މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅު. ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް ޢަރަފާތަށް ގެންގޮސްފަ.'' ޝަހީމް ވިދާޅުވެފަވެއެވެ.

ޙާޖީންނަށް ޢަރަފާތުގައި އެންމެހާ އިންތިޒާމުތައް ޙައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

ޢަރަފާތް ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. ދުވަހަކީ ވަރަށް ގިނަ ހެޔޮކަން ޖަމާވެފައިވާ ދުވަހެކެވެ. އެދުވަހަކީ ދީން ފުރިހަމަކުރެއްވި ދުވަހެވެ. އެދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.

ޢަރަފާތް ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «الْحَجُّ عَرَفَةُ» [رواه الترمذي برقم: (883)، والنسائي (3044)] މާނައީ: “ޙައްޖަކީ ޢަރަފާތެވެ.”

ޢަރަފާތް ވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި އެދުވަހުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގަންނަވާނެއެވެ.