ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު tender@health.gov.mv އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Ad
rt

މި މަސައްކަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ރޯޝަނީ ބިލްޑިންގްގައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރެޖިސްޓަރ ކޮށްފައިނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މީގެ އިތުރުން، ރ. ފައިނު، ނ. ކުޑަފަރި، ނ. ފޮއްދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނު، މ. ރަތްމަންދޫ، ލ. މުންޑޫ، އަދި ލ. ކުނަހަންދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.