މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިމިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު މެދުކެނޑުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ހެނދުނު އިންޖީނުތައް ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.
"މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ އަޅުގަނޑުމެންގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރ 1545 ކަށް ގުޅުއްވާ" ސްޓެލްކޯއިން ބުނެފަވެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!