ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މިރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
d

މި ހަފްލާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ދާދި ފަހުން އޭނާ ބައްލަވައިލެއްވި ޓިކްޓޮކް ވީޑިއޯއަކުން ފެނިގެންދަނީ ލޮނުޒިޔާރަތްކޮޅުގައި ޕީއެންއެފް އިން ބޭއްވި ކަންމަތީ މުޒާހަރާއެއްގައި، އެކަކު "ރައީސް ޔާމީން" އޭ ގޮވުމުން އަނެކަކު "ހައްޔަރުކުރޭ" އޭ ބުނާ މަންޒަރު ކަމަށެވެ. އަދި އެ ވަގުތު ރައީސް ޔާމީނުގެ ދެފަރާތުގައި ތިއްބެވި ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މުޙައްމަދު މަލީހް ޖަމާލް އެކަމާ ހިނިފުޅުވަޑުވަން ތިއްބެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މީގެ ދެތިން ދުވަސްކުރިން އަޅުގަނޑު ރައްޓެހި އާދަނު ފޮނުވި ޓިކްޓޮކް ވީޑިއޯއެއް ބަލައިލިއިރު މި ފެންނަނީ ލޮނުޒިޔާރަތްކޮޅުގައި ޕީއެންއެފް ކިޔާ ޕާޓީއެއްގެ ކަންމަތީ މުޒާހަރާއެއް، މި މުޒާހަރާގައި އެއްބަޔަކު ރައީސް ޔާނީން އޭ ގޮވާއިރަށް އަނެއް ބަޔަކު މި ބުނަނީ ހައްޔަރުކުރޭ، ބުނާއިރަށް ދެފަޅީގައި މިތިއްބެވީ މަލީހާއި ޖަމީލް، މިހެން ގޮވާއިރަށް ދެބޭފުޅުން ހިނފުޅުވަޑުވަނީ، ބަލާނިމުނީމަ އާދަނު ބުނީ ފެނޭހެއްޔޭ ރައީސް ޔާމީނަށް އިހްލާސްތެރިން، އެކަކު މި ބުނަނީއޭ ރައީސް ޔާމީން، ބުނާއިރަށް އަނެއްކަކު މި ބުނަނީއޭ ހައްޔަރުކުރޭ، ޖަމީލާ މަލީހް ހެނީއޭ، ރައީސް ޔާމީން އެބަޖެހޭ މިފަދަ ކަންކަމުން އިބްރަތް ހާސިލްކުރަން. ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލީމާ ހިނިފުޅުވަޑުވަން އެ ހުންނަވަނީ އެންމެ ގާތް އެންމެ އަރިސް ލޯޔަރު. މިއީ މިއަދަކު ވާ ކަމެއް ނޫން، މިއީ އަޅުގަނޑުމެން އިދިކޮޅުގައި ތިބިއިރުވެސް ކަން ހިނގަމުންދިޔަ ގޮތް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ލީޑަރޝިޕަކީ "ގައްދާރުން" ކަމަށާއި، އެ ބޭފުޅުން ތިއްބެވީ އެމްޑީޕީއާއެކު ބައިއަތު ހިފައިގެން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވަމުން ގެންދެވި ނަމަވެސް، ހަގީގަތް އޮތީ އެއާ ޚިލާފަށް ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު، ވަކީލެއްގެ ހައިސިއްޔަތުން މެސެންޖަރެއްގެ ރޯލު އަދާކުރެއްވި ޑރ. ޖަމީލް، އޭރުގެ ސަރުކާރާއި (އެމްޑީޕީއާއި) ގުޅިގެން މަސައްކަތް ކުރުމަށް ތަކުރާރުކޮށް ބާރުއެޅުއްވި ކަމަށް ޝުޖާއު ހާމަކުރެއްވިއެވެ.

"އެއިރު ޖަމީލު އެންމެ ގިނައިން އަޅުގަނޑުމެން ކައިރީ ބުނާނީ އެމްޑީޕީއާ އެބަޖެހެއޭ ވާހަކަދައްކަން. ކޮންމެ މެސެޖެއްގައި ވިދާޅުވާނެ އެބަޖެހެއޭ އިބްރާހިމް މުޙައްމަދު ޞާލިޙާ ވާހަކަދައްކަން. އެކަމަކު އަޅުގަނޑުމެން އެއިރުވެސް ގޮތްދޫނުކޮށް ހިފެހެއްޓީ އެމްޑީޕީއާއެކު ބައިއަތު ނުހިފަން، އެއީ މި ފިކުރު ގަބޫލުކުރާ ކަމަކަށް ނުވާތީ،" ޝުޖާއު ވިދާޅުވިއެވެ.

Ad
df

ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ސިޔާސީ މަސްރަޙުން ފެންނަމުންދާ ކަންކަމަށް ބަލާއިރު، އިޚްލާޞްތެރިންނަކީ ކޮބައިކަން މިހާރު ސާފުވަމުންދާ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.