އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެ ކޮމެޓީތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
މި ގެނެވުނު ބަދަލާއެކު، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ވަނީ 41,500 ރުފިޔާއަށް ބޮޑުކޮށްފައެވެ. ސިޓީތަކުގެ ރައީސުންގެ މުސާރައިގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 33,000 ރުފިޔާގެ އަސާސީ މުސާރައާއި 8,500 ރުފިޔާގެ ލިވިން އެލަވަންސެކެވެ.
ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 5000 ރުފިޔާއެވެ. އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާލިބޭއިރު، ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. މިއާއެކު ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސް އަށް މަހަކު 7000ރ. ލިބޭނެއެވެ. އަދި ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހަކު 6000ރ.ގެ އެލަވަންސެއް ދޭނެއެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 16,500 ރުފިޔާގެ އަސާސީ މުސާރައާއި 4,500 ރުފިޔާގެ ލިވިން އެލަވަންސެވެ.
ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 4000ރ. އަށް ބޮޑުކޮށްފައިވާއިރު، އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެއެވެ. އަދި ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއި އެކު ރަށްތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްއަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 6000 ރުފިޔާ ލިބޭނެއެވެ. ރަށު ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސަކީ މަހަކު 5000 ރުފިޔާއެވެ.
މި ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު ފުޅާކޮށް، އެ ކޮމެޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ސަރުކާރުން ގެނައި މުހިންމު ބަދަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!