ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ނުވަތަ ރައްޔިތުންގެ ޝަކުވާތަކާ ބެހޭ އޮފީހުގެ ވެރިޔަކަށް، މ. ވެލަގަލި، ޑރ. މުޙައްމަދު މާހިދު ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ. މާހިދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ފެންވަރުގައެވެ. މި މަޤާމަށް އެމަނިކުފާނު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 18 މޭ 2026 ގައެވެ.
ޑޮކްޓަރ މާހިދަކީ ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އަދި މި އައު މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ. މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަޤްޞަދު
16 އޭޕްރިލް 2026 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ މި ބިއުރޯއަކީ މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުންގެ އަޑުއަހާ ސަރުކާރަކަށް ހެއްދެވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފެއްދެވި ތަނެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޒަމާނީ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ބަލައިގަނެ، އެކަންކަމާ ގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށް، ރައްޔިތުންނަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް ގާއިމުކުރެވިގެންދާނެއެވެ.
މި އޮފީސް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!