ގާޒާގެ ބަންދު އުވާލުމަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އެމީހުންގެ އަތްފައި ބަނދެ ބިންމަތީގައި ބައިތިއްބާފައި ތިއްބާ މަލާމާތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް އިސްރާއީލަށް އަމާޒުވެއްޖެއެވެ.

ބެން ގަވީރު އެކްސްގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ ގާޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތައް ހުއްޓުވައި، އަޝްދޫދު ބަނދަރުގައި ހައްޔަރުކޮށްފައި ތިބި އެތައް ސަތޭކަ ބޭރުގެ އެކްޓިވިސްޓުންތަކެކެވެ. "ވެލްކަމް ޓު އިސްރާއީލް" ގެ ނަމުގައި އާންމުކުރި މި ވީޑިއޯގައި އެކްޓިވިސްޓުން ތިބީ ކަކޫ މައްޗަށް ތިރިކޮށް، އަތް ބަނދެ، ނިތްކުރި ބިންމަތީގައި ޖައްސުވާފައެވެ. މި މަންޒަރުތައް ފެންނައިރު ފަހަތުން އިސްރާއީލުގެ ގައުމީ ސަލާމް ކުޅެމުންދާ އަޑު އިވެއެވެ.

Ad
rt

މި އަމަލާ ގުޅިގެން ފްރާންސުން ވަނީ އިސްރާއީލުގެ ސަފީރު ހާޒިރުކޮށް، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ސްޕެއިނުން ވަނީ މިއީ "ވަރަށް ރަހުމުކުޑަ" އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އަޔަލޭންޑް، އިޓަލީ، ގްރީސް އަދި ބެލްޖިއަމުން ވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ނަތަންޔާހޫ ސަރުކާރުގެ އަނިޔާވެރި އަދި ބާބޭރިއަން ވިސްނުން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

ބެން ގަވީރު ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަވަމުން، އެއީ ޓެރަރިޒަމަށް ތާއީދުކުރާ މީހުން ކަމަށާއި އެމީހުންނާ މެދު ކަންތައް ކުރި ގޮތާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައެވެ.

ގްލޯބަލް ސަމޫދު ފްލޮޓިލާގެ ދަށުން ގާތްގަނޑަކަށް 50 އުޅަނދު ތުރުކީން ފުރައިގެން ދަތުރުކުރީ 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގާޒާއަށް އަޅާފައިވާ ބަންދު އުވާލުމުގެ މަގްސަދުގައެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި މި އުޅަނދުތަކުގައި 430 އެކްޓިވިސްޓުން ތިއްބެވެ. ހަމާސް ޖަމާއަތުން ބުނީ މި ވީޑިއޯއަކީ އިސްރާއީލުގެ ލީޑަރުންގެ އަހުލާގީ ދަށުދަރަޖަ ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.

އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އަދާލާ އިން ބުނީ، ފަލަސްތީނު ރައްޔިތުންނާ މެދު ހިންގާ ޖަރީމާތަކާ ދެކޮޅަށް ތެދުވާ އެކްޓިވިސްޓުންނަށް އިހާނެތިކޮށް ހިތުމަކީ އިސްރާއީލުން ގެންގުޅޭ ޖިނާއީ ސިޔާސަތެއް ކަމަށެވެ.

ނަތަންޔާހޫ ވަނީ ހައްޔަރުކުރެވުނު އެކްޓިވިސްޓުން ވީ އެންމެ އަވަހަކަށް ޑީޕޯޓްކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.