އީރާނަށް އަމާޒުކޮށް އިތުރު ހަމަލާއެއްދީ އަލުން ހަނގުރާމަ ފަށައިފިނަމަ، މިހާރު ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވެގެންދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ.

ތަސްނީމް އަދި ފާރްސް ނިއުސް ފަދަ ދައުލަތުގެ މީޑިއާތަކުން އާންމުކުރި މި ބަޔާނަކީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އައިއާރުޖީސީގެ ރަސްމީ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.

Ad
rt

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ހިންގާ އުދުވާން ތަކުރާރުވެއްޖެނަމަ، މިފަހަރުގެ ހަނގުރާމަ ސަރަހައްދުން ބޭރަށް ފުޅާކުރާނެ ކަމަށެވެ. އަދި އީރާނުގެ ވަރުގަދަ ހަމަލާތައް އަމާޒުވާނީ "ތަސައްވަރުވެސް ނުކުރެވޭ ފަދަ ތަންތަނަށް" ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އެ ގައުމުތަކުގެ އެންމެ ވަރުގަދަ އަސްކަރީ ގާބިލިއްޔަތު ބޭނުންކުރަމުންދާއިރު، އީރާނުން އަދިވެސް އެ ގައުމުގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތައް ބޭނުން ނުކޮށް ހިފަހައްޓާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އިންޒާރު ދީފައި ވަނީ، އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް އަމުރުކުރުމާ އެންމެ ގަޑިއިރަކަށް ގާތްވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ނިންމުން މަޑުޖައްސާލިކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ހަމަލާ މަޑުޖައްސާލީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީގެ ލީޑަރުންގެ އެދުމުގެ މަތިން، ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއްވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ 27 އިންސައްތަ ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ތެލުގެ ސަޕްލައި ހަމައަކަށް އެޅުމަށް 2027 ވަނަ އަހަރާ ހަމައަށް ނަގާފާނެ ކަމަށް މާހިރުން އިންޒާރުދެއެވެ. ހަމައެއާއެކު، އެމެރިކާގެ ސެނެޓުން ވަނީ ކޮންގްރެސްގެ ހުއްދަނެތި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅޭ ގޮތަށް ގަރާރެއް ފާސްކޮށް، ވައިޓް ހައުސްއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވާފައެވެ.

މިހާރު އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގެ ބޭނުން ހިފައި، އީރާނުން ދަނީ އެ ގައުމުގެ ހަލާކުވެފައިވާ އަސްކަރީ އިންފްރާސްޓްރަކްޗާ އަލުން ބިނާކުރަމުންނެވެ.

ޕާކިސްތާނުން އިސްނަގައިގެން އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް ބައިނަލްއަގުވާމީ މެދުވެރިން މަސައްކަތް ކުރަމުންދާއިރު، މަޝްވަރާތައް ވަނީ މަރުތަޅަކަށް އެރިފައެވެ.