ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޖަލީލު ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ އުމުރުން 84 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.
ޖަލީލްގެ ވަކިވުމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ޖަލީލު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ މަރްޙޫމްގެ ޢާއިލާއަށާއި ތުރާކުނުގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ޢަބްދުﷲ ޖަލީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުﷲ ޖަލީލް ލައްވާށި. އާމީން،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޢަބްދުﷲ ޖަލީލަކީ ތުރާކުނުގެ ތަރައްޤީއަށާއި އެރަށުގެ އިދާރީ ހިންގުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރަށުގެ ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޖަލީލްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދު އަސުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލާފައި ވަނި އާސަހަރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!