މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ލިސްޓުގައި ނެތް 21 ބާވަތެއްގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކައި އަދި އިސްތިހާރު ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން މިއަދު ދީފިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، މި ބޭސްތަކަކީ އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި މިހާރު އެންމެ ގިނައިން ވިއްކަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ބާވަތްތަކެވެ.

Ad
rt

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭހާ ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެން ކަމަށެވެ. އަދި އެތެރެކުރާ ބޭސްތަކަކީ 'އެޕްރޫވްޑް ޑްރަގް ލިސްޓް' ގައި ހިމެނޭ ބޭސްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް، މި ހުއްދަތައް ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ބޭސް އެތެރެކޮށް ވިޔަފާރި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތަށް ވިއްކަމުންދާ ބޭސްތަކުގެ ތެރޭގައި ތަދުތަކަށް އުނގުޅާ ބޭހާއި، ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭހާއި، ރޯގާ އަދި ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތައް ހިމެނެއެވެ. އެމްއެފްޑީއޭ އިން ބުނީ މި ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫން ކަމަށާއި، އޭގެ ފެންވަރާއި ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ މިފަދަ ބޭސްތައް ބޭނުންކުރުމުގެ ނުރައްކަލާ މެދު އާންމުންނަށް އިންޒާރު ދީފައެވެ. "މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ،" އިއުލާނުގައި ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނީ، ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިސްތިހާރުކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ފިހާރަތަކާ މެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.