ވ. އަތޮޅުގެ "އަލިމަތާ ކޭވްސް" އަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވުމަށް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއް މިއަދު ރާއްޖެ އައިސް އެ ހަށިގަނޑުތައް ހޯދުމުގައި މިހާރު ކާމިޔާބު މަސައްކަތެއް ކޮށްފައިވާއިރު، އެ ޑައިވަރުންނަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓީމެއްކަމަށް އިޓަލީގެ ނޫހަކުން ރިޕޯޓްކޮށްފިއެވެ.
އެ ނޫހުން ބުނެފައިވާގޮތުގައި ޑޭން ޔޫރަޕް (Divers Alert Network) އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަކީ، 1983 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ނުރައްކާތެރި އަދި ކޮމްޕްލެކްސް ރެސްކިއު އޮޕަރޭޝަންތަކުގައި އިސްކޮށް އުޅެފައިވާ ޑައިވަރުންތަކެކެވެ.
މި ޓީމުން ބައިވެރިވާ ޚާއްޞަ އޮޕަރޭޝަން ރާއްޖޭގައި ހިންގާފައި ވަނީ މިއަދުއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ގެއްލިފައިވާ އިޓަލީގެ ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ތިންވަނަ ބައިގެ ތެރެއިންކަމަށް އެ ނޫހުން ބުނެފަވެއެވެ.
މި ފުން ސަރަޙައްދުގައި މަސައްކަތް ކުރުމަށްޓަކައި މި ޓީމުން ބޭނުންކުރާނީ "ރީބްރީދަރ" ސިސްޓަމާއި، ފުން ތަންތަނަށް ޚާއްޞަ "ޓްރައިމިކްސް" ގޭސް (ނައިޓްރޯޖަން، ހީލިއަމް، އޮކްސިޖަން) އަދި އަަންޑަރވޯޓަރ ސްކޫޓަރުތަކެވެ. މި ފީނުންތެރިންނަކީ 100 މީޓަރުގެ އަޑިއަށް ފީނުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، މި ޓީމަށް ގުޅިއިރު އެމީހުން ތިބީ ސްވިޑަންގެ ފެނު އަޑީގެ މައިންތަކެއް ބެލުމަށް އެގައުމުގައެވެ. ނަމަވެސް ރާއްޖޭގެ މި ހާދިސާގެ ޚަބަރު ލިބުމާއެކު އެހީތެރިވުމަށް ވަގުތުން އެއްބަސްވިކަމަށް އޭނާ ވިދާޅުވިއެވެ.
ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގެ ކާމިޔާބީ
މި ޓީމަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓީމެކެވެ. 18 ދުވަހަށް ދެމިގެންދިޔަ އެ އޮޕަރޭޝަނުގެ ވާހަކަ ވަނީ 2022 ވަނަ އަހަރު ނެޓްފްލިކްސްގެ "ދަ ޓްރެޕްޑް 13" ޑޮކިއުމެންޓްރީގައި ވެސް ގެނެސްދީފައެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު ނޯވޭގެ އައްސޭރިފަށުގެ ފުން ހޮހަޅައެއްގައި މަރުވި އެމީހުންގެ ދެ ރަޙުމަތްތެރިއެއްގެ ހަށިގަނޑު، ސަރުކާރުން މަނާކޮށްފައި އޮއްވައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި 140 މީޓަރު އަޑިން ނެގި ހާދިސާއާ ގުޅިގެން ޕާކަރިނެން އާއި ގްރޮންކްވިސްޓް ބެލެވެނީ އެމީހުންގެ ޤައުމުގެ ބަޠަލުންގެ ގޮތުގައެވެ.
މި ތިން ޑައިވަރުން ރާއްޖޭގައި ބައިވެރިވާ އޮޕަރޭޝަނުގައި އިޓަލީގެ މާހިރުން ކަމަށްވާ ޖިސެއްޕޭ ޑިއަމާޓޯ އާއި ގްރެޓާ މާސެލީ ވެސް ބައިވެރިވެއެވެ.
ޑޭން ޔޫރަޕް ފައުންޑޭޝަންގެ ދައުރު
އިޓަލީގައި މަރުކަޒުވެފައިވާ ޑޭން ޔޫރަޕަކީ ފާއިތުވި 40 އަހަރު ފީނުމުގެ ދާއިރާއިން ސިއްޙީ އެހީތެރިކަމާއި ސައިންޓިފިކް ދިރާސާތައް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އަހަރަކު 1,600 އަށްވުރެ ގިނަ ފީނުމުގެ ހާދިސާތައް މެނޭޖްކުރާ މި ފައުންޑޭޝަނުން، ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު މެޑިކަލް ސެންޓަރުތައް މެދުވެރިކޮށް އިރުޝާދު ދިނުމާއި، އެންމެ އެކަށީގެންވާ ހައިޕަރބަރިކް ފެސިލިޓީތައް ދެނެގަތުމުގެ މަސައްކަތް ކުރެއެވެ.
މިފަދަ ހާދިސާތަކަށްފަހު، އެކަން މެދުވެރިވި ސަބަބުތައް ދިރާސާކޮށް، ފީނުމުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި ޑޭން ޔޫރަޕުން ދުނިޔޭގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ ވެސް އެ ފައުންޑޭޝަންގެ ތަޖުރިބާގެ ބޭނުން ހިފައިގެން ކުރިއަށްދާ ނުރައްކާތެރި މަސައްކަތެކެވެ.
ބާކީ ހަތަރު ފަތުރުވެރިންގެ ހަށިގަނޑުފެނުން
ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފައިވާއިރު، މި ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ވަތް ހޮހަޅަ (ކޭވް) ތެރެއިންނެވެ. އެމްއެންޑީއެފުން ބުނީ ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް އެ ހޮހަޅައިގެ ތެރެއިން ބޭރަށް ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!