ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ސިޔާސީ ދާއިރާއަށް ނިކުންނެވިއިރު ރައްޔިތުންނަށް ވީ ވައުދުގެ މަތީގައި ސާބިތުވެ ހުރުމަށްކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ދައުރު ހަމަކުރެއްވި މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ.
މޫސާ ޝަފީޤް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަބަދުވެސް އުންމީދުކުރެއްވީ އޭނާ އަށް އިތުބާރުކޮށް ވޯޓުދެއްވި ރައްޔިތުން ރުހޭފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
މޫސާ ޝަފީޤް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ވަކި ރަށެއް ތަފާތުކުރުމެއް ނެތި މަސައްކަތް ކުރުމަށެވެ.
"އެއީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ވަކި ރަށެއް ތަފާތުކުރުމެއް ނެތި، މަރުކަޒީ ބާރުތަކުން ދުރުވެ، އަތޮޅުގެ މަންފާ ހުރިހާ ރަށަކަށް ހަމަހަމައަށް ލިބިދިނުމެވެ. މި އަހުދުގެ މަތީގައި ހުރިހާ ވަގުތެއް ހޭދަކޮށް، މަސައްކަތް ކުރީމެވެ،" އޭނާ ވިދާޅުވިއެވެ.
ކޮންމެ ކަމެއްގައިވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ގަބޫލުކުރައްވާކަން ފާހަގަކުރަށްވަމުން މޫސާ ޝަފީޤް ވިދާޅުވީ، އެއް ބަޔަކަށް ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކަމެއް އަނެއް ބަޔަކަށް ކަމުނުދިއުމަކީ އިންސާނީ ތަބީއަތް ކަމަށެވެ. ނަމަވެސް އެންމެ މޮޅު ގޮތަކީ އަބަދުވެސް ގިނަ ބައެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭ ފަދަ ނިންމުންތައް ނިންމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަގާމުން ވަކިވެވަޑައިގަންނަވަމުން ޝަފީޤް ވަނީ އޭނާގެ ދައުރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާގެ ދުޢާއަކީ އަބަދުވެސް ހއ. އަތޮޅަށް ފާގަތިކަމާއި ކުރިއެރުން ލިބުން ކަމުގައި ވިދާޅުވެ ލިޔުން ނިންމާލައްވާފައިވެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު މި ދައުރާއެކު އަތޮޅު ކައުންސިލްތައް ވެސް ވަނީ އުވިގެން ގޮސްފައެވެ. އެހެންކަމުން މޫސާ ޝަފީޤް ވެގެންދާނީ ހއ.އަތޮޅު ކައުންސިލްކަން ކުރެއްވި އެންމެ ފަހު ބޭފުޅާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!