ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ.
ޒަކާތު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10) އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން އިސްލާމީ ޝަރީއާ، ގުރުއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާ އާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.
މި ސްކީމުގެ ދަށުން ޖުމުލަ 30 ސްކޮލާޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު: އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް، އަދި ޒިކުރާ ކޮލެޖްގައި ކިޔެވުމަށް.
ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތު: މީގެ ތެރޭގައި މިސްރުގެ އަލް އަޒްހަރް ޔުނިވަސިޓީ، މެލޭޝިއާގެ އައި.އައި.ޔޫ.އެމް، އިންސިފް، ޔޫ.އެސް.އައި.އެމް، ބުރުނާއީގެ ޔޫ.ބީ.ޑީ އަދި ޕާކިސްތާނުގެ އައި.އައި.ޔޫ.އައި ހިމެނެއެވެ.
މީގެ އިތުރުން، ހާއްސަ ދެ ސްކީމެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އެއީ ސައުދީ އަރަބިއްޔާ އާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ދޭ ހާއްސަ ފަސް ސްކޮލާޝިޕެވެ.
މި ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕްރޮގްރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުތުތައް ހަމަވާންޖެހޭނެއެވެ. ހަމައެހެންމެ، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ، އަދި އެހެން އެއްވެސް ފަރާތެއްގެ މާލީ އެހީތެރިކަން ލިބެމުން ނުދާ ފަރާތަކަށް ވާންޖެހެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީ ކުރުމަށް މުހިންމު އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އެޕްލިކޭޝަންތައް ފޮނުވަން ޖެހޭނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!