ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަރަކާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އާދީއްތަ ދުވަހު އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން، އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، އީރާނު ހަނގުރާމައިގެ މެދުކެނޑުމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޕްލާންޓުގެ ބޭރު ފަރާތުގައި ހުރި އިލެކްޓްރިކަލް ޖަނަރޭޓަރަކަށެވެ. މީގެ ސަބަބުން އެތަނުގައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށް އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

Ad
rt

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، ޔޫއޭއީން މި ހަމަލާއާއި ގުޅިގެން ޝައްކު އަމާޒުކޮށްފައި ވަނީ އީރާނަށެވެ. އެމެރިކާ އަށާއި އިޒްރޭލަށް ވާގިވެރިވާތީ ފަހަކަށް އައިސް އީރާނުން ދަނީ ޔޫއޭއީއަށް ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އަނެއްކަމަކީ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ 'އަޔަން ޑޯމް' މިސައިލް ޑިފެންސް ސިސްޓަމްތަކާއި ސިފައިންނަށް ޔޫއޭއީން ފުރުސަތު ދިނުމެވެ.

މި ހަމަލާ ދީފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބްލޮކް ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އީރާނުގެ ދައުލަތުގެ ޓީވީން ދަނީ ރައްޔިތުން ހަނގުރާމައަށް ތައްޔާރުކުރުމުގެ ގޮތުން ހަތިޔާރާއެކު ތިބޭ ޕްރެޒެންޓަރުން ހިމެނޭ ޕްރޮގްރާމްތައް ދައްކަމުންނެވެ.

ޔޫއޭއީގެ ނިއުކްލިއަރ ރެގިއުލޭޓަރ ހާމަކުރި ގޮތުގައި، މި ހަމަލާގެ ސަބަބުން ޕްލާންޓުގެ ރައްކާތެރިކަމަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ.

"ހުރިހާ ޔުނިޓެއްވެސް އާދައިގެ މަތިން މަސައްކަތް ކުރަމުންދޭ،" އެ އިދާރާއިން އެކްސްގައި ލިޔެފައިވެއެވެ.

ބަރަކާ ނިއުކްލިއަރ ޕަވަރ ޕްލާންޓްދެކުނު ކޮރެއާގެ އެހީތެރިކަމާއެކު 20 ބިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކުރި ބަރަކާ ޕްލާންޓަކީ އަރަބި ދުނިޔޭގައި ހުޅުވި ފުރަތަމަ ވިޔަފާރި ނިއުކްލިއަރ ޕްލާންޓެވެ. 2020 ވަނަ އަހަރު އޮޕަރޭޓް ކުރަން ފެށި މި ޕްލާންޓުން ޔޫއޭއީއަށް ބޭނުންވާ ހަކަތައިގެ ހަތަރުބައިކުޅަ އެއްބައި އުފައްދައެވެ. އަބޫދާބީގެ ހުޅަނގު ސަރަހައްދުގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހުންނަ މި ޕްލާންޓަކީ އެމެރިކާއާއެކު ވެފައިވާ "123 އެގްރީމެންޓް" ގެ ދަށުން، ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ނުކުރާ ގޮތަށް ހިންގާ ތަނެކެވެ.

މިއީ އީރާނު ހަނގުރާމައިގެ ތެރޭގައި މި ޕްލާންޓަށް އަމާޒުކޮށް ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން އދ. ގެ ނިއުކްލިއަރ ވޮޗްޑޮގް، އައި.އޭ.އީ.އޭ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.