މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލި މައްސަލަ ސާހިލްގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ހަފުތާގައި އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަަލަ ސާހިލްގެ ފަރާތުން އިސްތިއުނާފް ކުރިއިރު, ބާކީ ހުރި ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ. ނަމަވެސް އެއީ ކޮން ދައުވާތަކެއް ކަމެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލާގައި ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!