ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ބެހި، އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެމަނިކުފާނުގެ ސަޚްޝިއްޔަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީން ދީފައިވާ ޙައްޤެއް ނަމަވެސް، އެއީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިނިވަންކަމާއިއެކު ބަސްބުނާ އިންސާނާގެ ދުލުގެ އެއްކޮޅުވެސް އޮތީ ހައްޔަރުވެފައެވެ. މިނިވަންކަމާއިއެކު ވައިގެތެރޭގައި ވިހުރެމުންދާ ދިދައިގެ އެއްކޮޅުވެސް ހައްޔަރު ކޮށްފައިވާ ފަދައިން،" އިޤްބާލް ވިދާޅުވިއެވެ.
އިޤްބާލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާއިރު، ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް ޤާނޫނުއަސާސީ ޖާގަ ނުދޭ ކަމަށެވެ. މީހުންގެ އަބުރާ ބެހުމާއި، ދޮގު އިލްޒާމު އެޅުވުމާއި، ޒާތީ ދިރިއުޅުމުގެ ކަންކަމާ ބެހުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ނާތަހުޛީބު އަމަލުތައް ކުރާ ފަރާތްތަކަށް ހަނދާންކޮށްދެއްވަމުން އިޤްބާލް ވިދާޅުވީ، ކޮންމެ މީހަކުވެސް ކުރާ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި އަނެކާގެ އަބުރާ ބެހޭއިރު، އެމީހެއްގެ މައިންބަފައިންނާއި ދަރިންނަށް ކުރާނެ އަސަރުގެ މަތިން ހަނދާންކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
''ރައީސް މުޢިއްޒުގެ ޢާއިލާއާއި ބެހޭ ގޮތުން ކިތަންމެ ވަރަކަށް ދޮގު މަޢުލޫމާތު ފަތުރައި، ރައީސްގެ އިސްތަށިފުޅުގައި ކިތަންމެ ވަރަކަށް ދޮގު އިލްޒާމުތައް އެޅުވިޔަސް، އަދި ކިތަންމެ ވަރަކަށް ރައީސްގެ ޒާތީ ދިރިއުޅުއްވުމާ ބެހުނަސް، މާތް ﷲ ގެ އިރާދަފުޅާއިއެކު ރައީސް މުޢިއްޒުގެ ސަޚްޝަކަށް އެއްވެސް ލޮޅުމެއް ނާރާނެއެވެ. ކިލަނބު ކަމެއްވެސް ނުގެނެވޭނެއެވެ. ސިހުމެއްވެސް ނުދެވޭނެއެވެ. އަދި އެމަނިކުފާނުގެ މުރާލިކަމަށް ބަދަލެއްވެސް ނާންނާނެއެވެ.'' އިގްބާލް ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދާ ބެހޭގޮތުން ފަތުރަމުންދާ ދޮގު މަޢުލޫމާތުތައް މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލައްވަމުން އިޤްބާލް ވިދާޅުވީ، ރައީސްގެ ދެމަފިރިންނަކީ ނުހަނު ކެތްތެރި، ޢަޒުމް ވަރުގަދަ ބޭފުޅުން ކަމަށެވެ.
"މިފަދަ އެއްވެސް ކަމެއް މިއިން އެއްވެސް ބޭފުޅަކު ނުކުރައްވާނޭކަމުގައި މިދަންނަވަނީ ހުރިހައި މާނައެއްގައިވެސް މިކަން އޮތީ މިހެންކަން އެންމެ ރަނގަޅަށް ދަންނަ މީހެއްގެ ޙައިޘިއްޔަތުން ނުހަނު ކެރި ހުރެ،" އިޤްބާލް ވިދާޅުވިއެވެ.
އިޤްބާލް ވިދާޅުވެފައިވާ ގޮތުގައި ކިތަންމެ ވަރަކަށް ދޮގު މަޢުލޫމާތު ފެތުރި ނަމަވެސް ރައީސް މުޢިއްޒުގެ މުރާލިކަމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމަނިކުފާނަކީ ވާޖިބަށް ފުރަގަސްދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!