ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި، މަހުދީ ނިޔާވީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ވާއު އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ސަރަހައްދެއްގައި ފީނަން އުޅުނު އިޓަލީގެ ފަސް ޑައިވަރުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 އެހާކަންހާއިރުއެވެ. 'ޑޫކް އޮފް ޔޯކް' ނަމަކަށް ކިޔާ ސަފާރީއެއްގައި ދަތުރުކުރި މި ޓީމުގައި ހިމެނެނީ ކަނޑުގެ ދިރުންތަކާ ބެހޭ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން މުރިއަލް އޮޑެނީނޯ، ފެޑެރިކޯ ގުއަލްޓިއޭރީ އަދި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އިންސްޓްރަކްޓަރ ޖިއާންލޫކާ ބެނެޑެޓީ ހިމެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އޮންނަ، ގާތްގަނޑަކަށް 260 މީޓަރުގެ ދިގު ހޮހަޅައެއްގެ ތެރޭގައެވެ. މި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް ފެނިފައިވަނީ އެންމެ ޑައިވަރެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް މި ހޮހޮޅައިގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ހޮހޮޅައިގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ވަނީ ލަފާކޮށްފައެވެ.
ހާދިސާ ހިނގި ވަގުތަކީ މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާ ވަގުތެކެވެ. އެ ވަގުތު އެ ސަރަހައްދަށް ގަޑިއަކު 30 މޭލު ބާރުމިނުގައި ވައިޖެހެމުންދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ ނުރައްކާތެރި 'ހައި ރިސްކް' އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ޚާއްޞަ ސާމާނާއެކު ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގަމުން އަންނައިރު، އިޓަލީގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީ މެދުވެރިކޮށް، ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!