އަންނަ ހަފުތާގެ ކުރީކޮޅު އިރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް ލީކުވި ޖާސޫސީ މައުލޫމާތާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަލުން ރިޕޯޓްކޮށްފިއެވެ.
މިކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް އެންމެ ފުރަތަމަ "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާއިރު، ''ސީ.އެން.އެން''، "ޓައިމްސް އޮފް އިސްރާއީލް" އަދި "ޓައިމްސް އޮފް އިންޑިއާ" ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ މި ޖާސޫސީ މަޢުލޫމާތުތައް ކަށަވަރުކޮށްދީފައެވެ.
އެމެރިކާއިން އިސްވެ އޮވެ ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށްފަހު، މިދިޔަ އޭޕްރިލް މަހުން ފެށިގެން ދެފަރާތުގެ މެދުގައި އޮތީ ވަގުތީ ސުލްޙައެކެވެ. ނަމަވެސް، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްޙައިގެ ވާހަކަތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އިރާނުން ދުނިޔޭގެ އިޤްތިޞާދަށް މުހިންމު "ސްޓްރެއިޓް އޮފް ހޯރްމޫޒް" ބަންދުކޮށް، ފާރިސް ކަނޑުއޮޅި ބްލޮކްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ވަނީ ދެކޮޅު ހަދާފައެވެ. ޚާރިޖީ ގޮތުން ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ޕެންޓަގަންއާއި އިސްރާއީލުގެ ދިފާޢީ ބާރުތަކުން ދަނީ ސުލްޙައިގެ އެއްބަސްވުން އުވި، އަލުން ހަނގުރާމަ ފެށިދާނެ ކަމަށް ތައްޔާރުވަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީކުވެފައިވާ ޖާސޫސީ މަޢުލޫމާތުތަކަށް ބަލާއިރު، އަންނަ ހަފުތާއަށް ރާވާފައިވާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނެނީ:
ވަރުގަދަ ވައިގެ ޙަމަލާތައް: އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި، އުމްރާނީ ވަސީލަތްތަކުގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށް ބޮން އެޅުން.
ޚާއްޞަ ކޮމާންޑޯ އޮޕަރޭޝަންތައް: އިރާނުގެ އިސްފަހާން ނިއުކްލިއަރ މަރުކަޒު ފަދަ، ކުރިން ޙަމަލާދީފައިވާ ތަންތަނުގެ އަޑީގައި ރައްކާކޮށްފައިވާ "ހައިލީ އެންރިޗްޑް ޔުރޭނިއަމް" އަތުލުމަށް އެމެރިކާގެ ސްޕެޝަލް ފޯސް ބޭނުންކޮށްގެން ނުރައްކާތެރި އޮޕަރޭޝަންތަކެއް ހިންގުން.
ސްޓްރެޓީޖިކް ސަރަޙައްދުތައް ހިފުން: އިރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ "ޚާރްގް އައިލެންޑް" އެމެރިކާގެ ބާރުގެ ދަށަށް ގެނައުން.
އަސްކަރީ ގޮތުން ހުރިހާ ތައްޔާރުތަކެއްވެ، ޙަމަލާދޭނެ އަމާޒުތައް ކަނޑައަޅާފައިވީ ނަމަވެސް، މި ޙަމަލާތައް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަސްމީކޮށް ހުއްދަ ދެއްވާފައެއް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މަޝްރަޙް ދިރާސާކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ތައްޔާރުތަކަކީ ޙަމަލާ ދިނުމުގެ ކުރިން، ސްޓްރެއިޓް އޮފް ހޯރްމޫޒް ހުޅުވުމަށް އިރާނަށް ޕްރެޝަރުކޮށް، ޚާރިޖީ ހައްލެއް ހޯދުމަށް ކުރެވޭ އެންމެ ފަހު މަސައްކަތުގެ ބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!