ދިވެހިރާއްޖޭގެ ރީތި ކަނޑުއަޅިތަކާއި ހޮހަޅަތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަންތަނަށް ވީނަމަވެސް، ބައެއް ފަހަރު މިފަދަ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގައެވެ. ބުރާސްފަތި ދުވަހު، ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޅި ހޮހަޅައަކަށް ފީނަން އުޅުނު އިޓަލީގެ ތަޖުރިބާކާރު ފަސް ފީނުންތެރިންގެ މަރުގެ ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިންގ ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި ހާދިސާ އާއި ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހޯދައިގެން އިނގިރޭސިވިލާތުގެ ޓެލެގްރާފުން ގެނެސްދީފައިވާ ރިޕޯޓެއްގެ މުހިންމު ބައިތައް ތިރީގައި އެވަނީއެވެ.
ތަޖުރިބާކާރު ޓީމެއް
'ޑޫކް އޮފް ޔޯކް' ނަމަކަށް ކިޔާ ސަފާރީއެއްގައި ދަތުރުކުރި މި ޓީމުގައި ހިމެނެނީ ކަނޑުގެ ދިރުންތަކާ ބެހޭ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން މުރިއަލް އޮޑެނީނޯ، ފެޑެރިކޯ ގުއަލްޓިއޭރީ އަދި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އިންސްޓްރަކްޓަރ ޖިއާންލޫކާ ބެނެޑެޓީ ހިމެނެއެވެ. މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އޮންނަ، ގާތްގަނޑަކަށް 260 މީޓަރުގެ ދިގު ހޮހަޅަ ނިޒާމެއްގެ ތެރޭގައެވެ.
ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން
ގޭސް މިކްސްޗަރުގެ މައްސަލަ ނުވަތަ މަގުއޮޅުން
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭގޮތުން ބައިނަލްއަޤްވާމީ މީޑިއާތަކާއި ޓެލެގްރާފުން ވަނީ ތަޖުރިބާކާރުންގެ ބަސް ހޯދުމަށްފަހު މުހިންމު ލަފާކުރުންތަކެއް ހުށަހަޅާފައެވެ. އެއް ނަޒަރިއްޔާއަކީ ފުން ސަރަހައްދުތަކަށް ފީނާއިރު ބޭނުންކުރާ ގޭސް މިކްސްޗަރުގައި މައްސަލައެއް އުޅުމެވެ. ގޭސް އެކުލެވިފައިވާ މިންވަރު ނުބައިވުމަކީ ފީނުންތެރިޔާގެ ހޭވެރިކަން ގެއްލި، ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެކެވެ. އަނެއްކޮޅުން، ހޮހަޅައިގެ ތެރޭގައި މަގުއޮޅުމަކީވެސް ބޮޑު ފުރުސަތެކެވެ. ހޮހަޅައިގެ ތެރޭގައި ފައިނަލުން ފެން ކަލަބުވެ، ފެންނަ މިންވަރު ކުޑަވުމުން ނުކުންނާނެ ދިމާ ނޭނގި ހާސްވުމަކީ (panic) މިފަދަ ހާދިސާތަކުގައި އާންމުކޮށް ދިމާވާ ކަމެކެވެ.
މާހިރުންގެ ބަހާއި މޫސުމީ ހުރަސްތައް
އިޓަލީގެ މަޝްހޫރު ފްރީ-ޑައިވަރު އުމްބާޓޯ ޕެލިޒާރީ ސިފަކުރި ގޮތުގައި، ހޮހަޅައެއްގެ ތެރޭގައި ފެން ކަލަބުވެފައިވާ ވަގުތެއްގައި ބައްތި ބޭނުންކުރުމަކީ ބޯ ދުންފިންޏެއްގެ ތެރޭގައި ކާރުގެ ހެޑްލައިޓް ޖެއްސުން ކަހަލަ ކަމެކެވެ. އެއިން ފެންނަ މިންވަރު އިތުރަށް ގޯސްވެ، މަގު ހޯދަން ދަތިވެއެވެ. މީގެ އިތުރުން، ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފައިވާ ވަގުތަކަށް ވުމުން، އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ޑައިވަރު ފެނުނީ ކޭވްއެއްގެ ތެރެއިން، ބާކީ ޑައިވަރުން ވެސްވީ އެތަނުގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް
ޑައިވިންގ އަކީ ކިތަންމެ ތަޖުރިބާކާރު މީހަކަށްވެސް ނުރައްކާ އޮތް ކަމެއްކަން ހަނދާންކޮށްދޭ
މި ހިތާމަވެރި ހާދިސާއަކީ ޑައިވިންގ އަކީ ކިތަންމެ ތަޖުރިބާކާރު މީހަކަށްވެސް ނުރައްކާ އޮތް ކަމެއްކަން ހަނދާންކޮށްދޭ ކަމެކެވެ. ކަނޑުގެ އަޑީގެ ހޮހަޅަތަކަށް ފީނުމުގައި ހުރި ނުރައްކާތަކާއި، މޫސުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން މި ހާދިސާއިން ހާމަވެއެވެ.
މި ހާދިސާގައި ކަނޑުއަޑީގެ ހޮހަޅާގައި ތާށިވި ފަސް މީހުންގެ ތެރެއިން ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހުއްޓައިނުލައި ކުރިއަށް އެބަގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!