ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިއަކު އިއްޔެ މަރުވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މައާއި ދަރިއަކު ވެސް ހިމެނޭކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފިއެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ.

Ad
rt

މި ފަތުރުވެރިންނަކީ "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބައެކެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު އަލިމަތާ ކައިރީގައި އޮންނަ ސަރަހައްދެއްގެ ގާތްގަނޑަކަށް 165 ފޫޓު އަޑީގައި ހުރި ހޮހަޅަތަކެއް ބަލަން ފޭބި ވަގުތުގައެވެ. މި މީހުން ފީނަން ފޭބި ފަހުން ލަސްވެގެން ރިޕޯޓްކޮށްފައިވަނީ މެންދުރުފަހު 1:45 އެހާކަންހާއިރުއެވެ.

މި ހާދިސާ ހިނގިއިރު، މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން އޮތީ ވާއު އަތޮޅު ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އެ ވަގުތު އެ ސަރަހައްދަށް ގަޑިއަކު 30 މޭލު ބާރުމިނުގައި ވައިޖެހެމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީ މެދުވެރިކޮށް މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ހާދިސާގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް އަދި ފެނުނީ އެންމެ ޑައިވަރެއްގެ ހަށިގަނޑެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އެ ސަރަހައްދަށް ފޮނުވައި އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.