އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ތާރީޚީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އަރާގްޗީ މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު ބޭއްވެވި މުހިންމު މަޝްވަރާތަކަށްފަހުގައެވެ. މި ބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި އަދި ނަތީޖާ ނެރެވޭ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އީރާނުގެ ތާރީޚީ ޒިންމާއެއްކަން އިންޑިއާގެ ޚާރިޖީ ވަޒީރަށް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އީރާނާ އެކުވެރި ހުރިހާ ގައުމުތަކަކަށް ވެސް އެ ސަރަހައްދުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ފުރިހަމަ ރައްކާތެރިކަން އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އީރާނުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. ގައުމީ ފާރިސީ ބަހުގެ ދުވަހާއި މަޝްހޫރު ޅެންވެރިޔާ ފިރުދައުސީގެ ހަނދާން އާކުރުމަށް ނެރުއްވި މި ބަޔާނުގައި ޚާމަނާއީ ވިދާޅުވީ، އެމެރިކާ އާއި ޒަޔަނިސްޓުންގެ އިސްތިއުމާރީ ރޭވުންތަކާ ދެކޮޅަށް އީރާނުން ދައްކަމުންދާ "ހިތްވަރުގަދަ ދެކޮޅުވެރިކަމުގެ" ސަބަބުން، އެމެރިކާ ފަދަ ބާރުތަކާ ކުރިމަތިލުމަށް އީރާނު މިއަދު އޮތީ މާ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ޚާމަނާއީގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފިރުދައުސީގެ މަޝްހޫރު 'ޝާހްނާމާ' ޅެން ފޮތުގައި ހިމެނޭ ބާރުވެރިކަމުގެ ވާހަކަތަކަކީ އީރާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަގީގަތް ރަމްޒުކޮށްދޭ ކަންކަމެވެ. އެ ޅެންތަކުގައިވާ ގުރުއާނީ މަތިވެރި މަފްހޫމްތަކަކީ އީރާނުގެ އެކި ނަސްލުތަކާއި ފަންތިތަކުގެ މީހުން އެކުވެރިކޮށް، ގައުމުގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށާއި، "ޒައްހާކް" (އީރާނުގެ ތާރީޚުގައި ނުބައިކަމުގެ މިސާލެއް) ފަދަ އަނިޔާވެރި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބޭ ވަރުގަދަ ހިތްވަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!