ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަހުމަދާ ބެހޭގޮތުން ބޭއިންސާފު ވާހަކަތަކެއް ދެކެވިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަޖިލީހުގެ ދައުރުގައި ރައީސް ނަޝީދާއި، އެމްޑީޕީ ސަރުކާރާއި ޖެހުނު ކުނީގައި ނަޝީދު އަތުން މަޖިލީހުގެ ރިޔާސަތު އަތުލަން ހިނގި ''ހަނގުރާމާގައި'' އިސްމާއީލް އަކީ ސަރުކާރުފަޅިން ނަގާ ކިޔުއްވި އެއް މެމްބަރެވެ. އެ ''ހޫނުގައި'' ނަޝީދު ވަނީ އިސްމާއީލާއި ނިސްބަތްކުރަށްވައި އެކިފަހަރުމަތިން ފާޑުވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ އެތެރޭގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ނަޝީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ވަނީ ދުވާފަރު އިސްމާއީލާ ބެހޭގޮތުން ވަރަށް ބޭއިންސާފު ވާހަކަ ދެކެވިފައި ކަމަށެވެ. މިކަމާ ގުޅިގެން އިސްމާއީލްގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފަވެއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގެންނެވި މާފު އިސްމާއީލް ގަބޫލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އިސްމާއީލަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އިސްމާއީލަކީ އަޅުގަނޑުމެންގެ މި ސިޔާސީ މަސައްކަތުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ސިޔާސީ ގޮތުން 'ހަން ބޯ' ބޭފުޅެއް" އިސްމާއީލްގެ ތާއީދާއި ވޯޓު ނުހަނު ބޭނުންވެފައިވާ މި ދަނޑިވަޅުގައި ނަޝީދު އިސްމާއީލާއި ގުޅޭގޮތުން ވިދާޅުވެފަވެއެވެ.
ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގައި ނަޝީދު ވަރަށް ''ހަލުވިކޮށް'' އުޅުއްވާއިރު، ކުރިން ނުތަނަވަސްކަން އޮތް ބޭފުޅުން ވެސް ''މަގަތަށް'' ގެންނަވަމުން ކުރިއަށް ވަޑައިގަތުމަކީ ކަންކަން ހާސިލްކުޅައުމުގައި ނަޝީދު އަބަދުވެސް ގެންގުޅުއްވާ އުކުޅުގެ ބައެއްކަމަށް ބައެއް ސިޔާސީ ބޭފުޅުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!