ސައުދީ އަރަބިއްޔާއާއި ކުވައިތުގެ ވައިގެ ސަރަޙައްދާއި އެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާގެ ސިފައިންނަށް ހުއްދަ ދީފިއެވެ.

މި ނިންމުމާއެކު، ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިމާޔަތް ދިނުމަށްކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ "ޕްރޮޖެކްޓް ފްރީޑަމް" އަލުން ފެށުމަށް ވަނީ މަގުފަހިވެފައެވެ.

Ad
rt

މި ހަފުތާގެ ކުރީކޮޅު ސައުދީ އަރަބިއްޔާއާއި ކުވައިތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުން ހަނިކޮށްފައެވެ. އޭގެ ސަބަބުން ހޯމްރޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށްކަމަށް ބުނެ އީރާނު ބަނޑަށް ޖެއްސުމަށް އެމެރިކާއިން ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް، މިހާރު މި ނިންމުން ބަދަލުކުރުމާ ގުޅިގެން ޓްރަމްޕް ވަނީ "ޕްރޮޖެކްޓް ފްރީޑަމް" ވަރުގަދަކޮށް އަލުން ފެށުމަށް ނިންމަވާފައެވެ.

"ޕްރޮޖެކްޓް ފްރީޑަމް" އަކީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގު ކަމަށްވާ ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ އެހީގައި ހިމާޔަތް ދިނުމަށްކަމަށްބުނެ އީރާނުގެ ބޯޓުތަކަށް ހުރަސް އެޅުމަށް ހިންގާ އޮޕަރޭޝަނެކެވެ. މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ސައުދީގެ ޕްރިންސް ސުލްޠާން އެއާބޭސް ފަދަ މަރުކަޒުތަކުގެ ބޭނުން ހިފުން އެމެރިކާއަށް ނުހަނު މުހިންމެވެ.

މި އޮޕަރޭޝަން އެންމެ ފުރަތަމަ ފެށީ 2026 ވަނ އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް، ސައުދީއާއި ކުވައިތުން ކުއްލިއަކަށް އެމެރިކާއަށް ދީފައިވާ ހުއްދަތައް ހިފެހެއްޓުމާ ގުޅިގެން ރައީސް ޓްރަމްޕަށް ޖެހިވަޑައިގަތީ މި މަސައްކަތް މެދުކަނޑާލާށެވެ. ޚަބަރުތައް ބުނާގޮތުގައި ގަލްފުގެ ގައުމުތަކުން ކުރިން މިގޮތަށް ނިންމީ، އެމެރިކާއިން މިކަން އިޢުލާނުކުރިއިރު އެ ގައުމުތަކާ އެކަށީގެންވާ ވަރަށް މަޝްވަރާކޮށްފައި ނުވުމުންނާއި، އީރާނުގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކަށް ބިރުންނެވެ.

ނަމަވެސް، ރައީސް ޓްރަމްޕާއި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ދެމެދު ކުރެވުނު ފޯނު ކޯލްތަކާއި، ޑިޕްލޮމެޓިކް ފެންވަރުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މިހާރު ވަނީ އަލުން އެމެރިކާ އަށް ހުއްދަދޭން ނިންމާފައެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ކަނޑުއޮޅީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ ދެފަރާތުގެވެސް މަސްލަހަތު އޮތް ކަމަކަށްވާތީ، ގަލްފުގެ ގައުމުތަކުން ވަނީ އެމެރިކާއަށް އަލުން އެއްބާރުލުން ދޭން ނިންމާފައެވެ. ނަމަވެސް މިކަމުގެ ބޮޑު ހަގީގަތަކީ އެމެރިކާ އަށް ހަނގުރާމާގައި އީރާނު ބަލި ނުކުރެވުމުން އެ ގައުމަށް ކާނާއާއި ޒަރޫރީތަކެއްޗާއި އަދި ވިޔަފާރި އަށް އޮތް މަގު ބަންދުކޮށް އީރާނު ރައްޔިތުން ބަނޑައްޖައްސައި އެ ރައްރިތުން ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނުކުމެ ސަރުކާރު ވައްޓާލަން މަގު ފަހިކުރުމެވެ.

ސައޫދީ އާއި ކުވޭތުގެ މި ނިންމުމާއެކު، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ސައުދީއާއި ކުވައިތުގެ މަރުކަޒުތަކުން ފުރައިގެން ގޮސް، އާގުބޯޓުފަހަރަށް ފާރަވެރިވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.