ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހަދައިދިނުމަށްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
d

ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ އެކި ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ރައްޔިތުން ބަރޯސާވެފައިވާ ކަމަށެވެ. އެހެންކަމުން ބޭންކަށް ގަންނަން ލިބޭ ޑޮލަރު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމާއި ކާޑުތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ފިޔަވައި އިތުރު އެހެން ނިންމެވުމެއް ނިންމަވާފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެއްޗާއި، ބޭހާއި، ތެލުގެ އިތުރުން ބޭރުގައި ކިޔަވާ ކުދިންނަށް ބޭނުންވާ ޑޮލަރު ކަށަވަރުކުރުންކަމަށް ތަރުޖަމާނު ވަނީ ފާހަގަކުރަށްވާފައެވެ.

2026 އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި ބޭންކް އޮފް މޯލްޑިވްސް އިން މި ގެނައި ބަދަލަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

Ad
df

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ބޭންކުން ޑޮލަރު ވިއްކާނެ އަދަދެއް ކަނޑައަޅައި، ޓީޓީ އަށް ޑޮލަރު ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅާ ގަޑިއަކީ ބޭންކުގެ ރަސްމީގަޑި ކަމުގައި ހަމަޖައްސަވާފައެވެ.