ޗައިނާގެ ކުރީގެ ދެ ދިފާއީ ވަޒީރުން ކަމަށްވާ ވޭ ފެންގްހޭ އާއި ލީ ޝަންގްފޫގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތައް ސާބިތުވެ، އެ ދެ ބޭފުޅުން މަރަން ހުކުމްކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ޝިންހުއާ އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ.

މި ހުކުމަކީ ދެ އަހަރުގެ މުހުލަތަކާއެކު (ރިޕްރީވް) އިއްވާފައިވާ މަރުގެ ހުކުމެކެވެ.

Ad
rt

ރައީސް ޝީ ޖިންޕިންގް 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ އެ ގައުމުގެ ސަލާމަތީ ބާރުތަކެވެ. މިގޮތުން 2023 ވަނަ އަހަރުން ފެށިގެން ޗައިނާގެ ނިއުކްލިއާ އަދި މިސައިލް ބާރުތައް ބަލަހައްޓާ 'އެލީޓް ރޮކެޓް ފޯސް' އަށް މި ފިޔަވަޅުތައް ވަނީ އަމާޒުވެފައެވެ. އަދި މިއަހަރުގެ ކުރީކޮޅު، ރައީސް ޝީގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވުނު ޕީޕަލްސް ލިބަރޭޝަން އާމީގެ އިސް ޖެނެރަލް ޒަންގް ޔޫޝިއާ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ޝިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލީ ޝަންގްފޫގެ މައްޗަށް ތުހުމަތު ކުރެވެނީ ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި، އެހެން ފަރާތްތަކަށް ރިޝްވަތު ދިނުމުގެ މައްސަލަތަކުގައެވެ. ތަހުގީގުތަކުން ދައްކާ ގޮތުގައި އޭނާ ވަނީ "ސިޔާސީ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެ، އަމިއްލަ ފައިދާއާއި އެހެން ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް" މަސައްކަތް ކުރައްވާފައެވެ.

ވޭ ފެންގްހޭގެ މައްޗަށް 2023 ވަނަ އަހަރު ފެށި ތަހުގީގުން ހާމަވި ގޮތުގައި، އޭނާ ވަނީ ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާއާއި އަގުބޮޑު ތަކެތި ގަބޫލުކޮށްފައެވެ. ޝިންހުއާ އިން ބުނި ގޮތުގައި އޭނާގެ އަމަލުތަކަކީ "އިންތިހާއަށް ސީރިއަސް، އަދި އޭގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ" އަމަލުތަކެކެވެ.

ޗައިނާގެ ގާނޫނީ ނިޒާމު އޮންނަ ގޮތުން، ދެ އަހަރުގެ މުހުލަތަކާއެކު އިއްވާ މަރުގެ ހުކުމް، އެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރެވޭނެއެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި އުމުރު ދުވަހަށް ޖަލަށްލުމަށްފަހު، އިތުރު ލުޔެއް ނުވަތަ ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޝިންހުއާ އިން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ސްޓަޑީޒް އިން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އަސްކަރިއްޔާގެ ތެރޭގައި ހިންގާ މި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރީ ކޮމާންޑް ސްޓްރަކްޗަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އަސްކަރިއްޔާގެ ތައްޔާރީތަކަށް ބުރޫއަރާފައިވާ ކަމަށް ބެލެވެއެވެ.