އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މި ސިނާއަތުން ލިބެމުންދާ ކުރިއެރުންތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތުން 30 އޭޕްރިލް 2026 އާ ހަމައަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ކަމަށް އެސްޓީއޯގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
"2 އަހަރުގެ ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް 1 ބިލިޔަންއާއި ހަމައަށް އާމްދަނީ އިތުރުވެގެން އައީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 58.93 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަންކަރިންގެ ޚިދުމަތަށް ބޭނުންކުރާ ތެލުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތްތަކުގެ ތެޔޮ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން މި މަސައްކަތް އަވަށްޓެރި ގައުމުތަކުގެ ބޯޓުފަހަރުން ކުރަމުން ދިޔަ ނަމަވެސް، މިހާރު ސީދާ ދިވެހިން މި ޚިދުމަތް ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖެއަށް އަލަށް އެތެރެކުރަން ފެށި ލޯ ސަލްފަރ އޮއިލްއަކީ މި އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ބާވަތެވެ.
މި ޚިދުމަތުގެ ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މާލީ ނަތީޖާއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން، 5.49 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ތެލުގެ ވިޔަފާރިން ލިބުނު 27 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، ތެލުގެ ވިޔަފާރި ކުރިއަރަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ބަންކަރިން ޚިދުމަތެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 18 މިލިޔަން ލީޓަރު އިތުރުވެފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!